Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ޖަނަވާރުންނަށް އަނިޔާދޭ ނަމަ ހަރުކަށި އަދަބު ދޭނަން

ޖަނަވާރުންނަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުންނަށް ހަރުކަށި އަދަބުދޭނެކަމުގެ އިންޒާރު ދިރޭ ތަކެއްޗާ ބެހޭ މިނިސްޓްރީން ދީފި އެވެ.

ހއ. ހޯރަފުށީގައި ބުޅަޅެއް އަނިޔާވެރިކޮށް މަރާލި މައްސަލައެއް ފެންމަތިވެ ކަމާބެހޭ އިދާރާތަކުން އެކަން ބަލަމުން އަންނަ އިރު، މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅައިނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އަދި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސް ކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

އެހެންވެ ދާދި ފަހުން ތަސްދީގުކުރި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރި އެވެ.

މި ގާނޫނުގެ 80 ވަނަ މާއްދާ ކަމުގައިވާ "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މި މާއްދާގެ ދަށުން ހާއްސަ އުސޫލުތަކެއް ތަރުތީބުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މާއްދާގައި ކަނޑައަޅާފައިވާ މުހިންމު ނުކުތާތަކަކީ:

(ހ) ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެކެވެ.
(ށ) ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5000 (ފަސްހާސް) ރުފިޔާއާއި 50000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) އާ ހިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5000 (ފަސްހާސް) ރުފިޔާއާއި 10000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ، ޖަނަވާރުންނާމެދު އަނިޔާވެރިވުމުގެ އަމަލެއް ފާހަގަވެއްޖެ ނަމަ، ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާއެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.