ހއ.އުލިގަމުގައި ޒަަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމެވެ.
ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.
އެމްޕީއެލް އިން ބުނީ ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީ ކުރާނެ ކަމަށެވެ.
މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ހާމަކުރެއެވެ. މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް އެ މެރީނާއިން އިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.