Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސަމާލުކަން އޮތީ އިންތިހާބަށް ނަމަ ލިބޭނެ ގެއްލުން ބޮޑުވާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޕެޓްރޯލްގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ސަމާލުކަން އޮތީ އިންތިހާބަށް ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ މިވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ޕެޓްރޯލްގެ އަގު ލީޓަރެއް 28ރ. އަށް އަރާފައިވާއިރު ދަތުރުފަތުރުގެ އަގުބޮޑުވާނެ ކަމަށެވެ.

"ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވަރަށް ބޮޑަށް ވަނީ ބޮޑުކޮށްފަ އެވެ.

އެގޮތުން ދާދި ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ފަހުން އައްޑޫން މިހާރު ޕެޓްރޯލް ލިޓަރެއް 29.26ރ. އަށް ވިއްކަމުންދާ އިރު، ޑީސަލް ލިޓަރެއް ވިއްކަނީ 30.13ރ. އަށެވެ.

އެސްޓީއޯ އިިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާ އިރު، މި މަހުގެ 5 އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގަކީ 16.01ރ. އަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ.އަށެވެ. އަދި ޑީސެލް ލީޓަރެއް މިހާރު 17.54ރ. އަށް ވިއްކަމުން އަންނަ އިރު، ކުރިން ޑީސަލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ.

ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމުންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ރާއްޖެ އަށް ތެޔޮ ގެނަމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.