Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އަބަދުވެސް މަސައްކަތް ކުރާނީ ތެދު މައުލޫމާތު ފޯރުކޮށްދޭން

ޕީއެސްއެމްގެ އެމްޑީ ޝަކީބު

ޕީއެސްއެމް އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޕީއެސްއެމް އިން މިހެން ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، ޕީއެސްއެމް އިން ހަމައެކަނި ސަރުކާރުގެ ކޮޅު ގެނެސްދޭތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބް (ޝަކިއްބެ) އާ ބައްދަލުކުރަން އެދި އިދިކޮޅު އެމްޑީޕީން ފޮނުވި ސިޓީ އަށް ދިން ޖަވާބުގަ އެވެ.

އެ ސިޓީގައި ޕީއެސްއެމުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، ރައްޔިތުންނަށް އެ މީޑިއާ އިން ގެނެސްދެނީ ފަންނީ އަދި އިޖުތިމާއީ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތަކެއް ކަމަށް ވާތީ މި ވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދޭން ހަމަޖެހިފައި ނެތް ކަމަށެވެ.

އޭގެ ބަދަލުގައި އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށާއި އަދި މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ވަކިފަރާތަކަށް ނުޖެހި، މިނިވަންކަމާ އެކު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ޕީއެސްއެމް އިން ބުންޏެވެ.

"އަދި ތިޔަ ޕާޓީން މި ރާއްޖޭގައި ވެރިކަން ކުރެއްވިއިރު ވެސް ޕަބްލިސް ސާވިސް މީޑިއާ މި ގޮތުގައި ދެމިއޮތެވެ. އެހެންކަމުން، މި މުއައްސަސާގެ މިނިވަންކަމާ ގުޅުވައި މި ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" އެމްޑީޕީ އަށް ޕީއެސްއެމުން ފޮނުވި ސިޓީގައި ވެ އެވެ.