Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި

ސަނީ އުމަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ޑރ. ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ސަނީ އުމަރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިއަދު ކަމަށެވެ.

ސަނީ އުމަރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

– ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ

ޕީޖީ އޮފީހުން ބުނީ އެ ދައުވާ ސަނީ އުމަރުގެ މައްޗަށް ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން ހަތް އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ސަނީ އުމަރުގެ މައްޗަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

– ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ

އެ ދައުވާ ސަނީ އުމަރުގެ މައްޗަށް ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްގައި އަތްލާފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، ސަނީ އުމަރަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

– ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ

ސަނީ އުމަރުގެ މައްޗަށް އެ ދައުވާ ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށާއި ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 14 އަހަރުގެ ޖަލު ހުކުމެއް ސަނީ އުމަރަށް އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

– ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެ ދައުވާ

އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ ފޯނުގައި މައްސަލައާ ގުޅޭ ހެކި ގަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އޭނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުންކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

– ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ

ޕީޖީ އޮފީހުން ބުނީ ސަނީ އުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ އެ ދައުވާ ކުރަން ނިންމީ ކަމަށެވެ. އެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުންކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ހާލަތުގައި ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.