Last Updated: June 5, 10:59
Friday, June 5, 2026
ރިޕޯޓް

ދަމު ނަމާދުގައި އެންމެ މޮޅު އިތުރީ ކޮން ކަމެއް؟

ދަމުނަމާދުގައި އެންމެ މޮޅުއިތުރުވެގެންވަނީ ކޮން ކަމެއް؟ ކިޔަވަން ހުންނަ ވަގުތު (ޤިޔާމް) ދިގުކުރުންތޯ ނުވަތަ ސަޖިދަ ދިގުކުރުންތޯ؟

ނަމާދުގައި ކިޔަވަން ހުންނަ ވަގުތު ދިގު ކުރުން މޮޅުއިތުރުވެގެންވެ އެވެ. އަދި ނަމާދުކުރާ މީހާ އޭނާގެ ނަމާދުގައި މަޑުމައިތިރިކަމާއި ޚުޟޫޢަތްތެރި ކަމަށް ސަމާލުކަން ދޭން ވާނެ އެވެ.

ރަމަޟާން މަހުގެ ރޭދުވާތައް ޓީވީގެ ކުރިމަތީގައި ހޭދަކުރާ މީހުންނަށް ދޭނީ ކޮން ނަސޭހަތެއް؟

ވަގުތަކީ ބޭކާރު ކުޅިވަރާއި މަޖަލުގައި ހޭދަކޮށްލާ ވަރަށް ވުރެ މާ އަގުހުރި އެއްޗެކެވެ. ވަގުތުގެ އަގު މިހައި ބޮޑުއިރު، މިއީ ބަރަކާތްތެރި ރަމަޟާން މަސް ކަމުގައި ވުމުން، އެ މަހުގެ ދަރުމައާއި ފާފަ ފުއްސެވުމަށް އެދި ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެހެންކަމުން، އެފަދަ މަތިވެރި މައްސަރެއްގެ ވަގުތުތައް ބޭކާރު ކަންކަމުގައި ނަގައިނުލުމަށް ނަސޭހަތްތެރިވަމެވެ.

ދަތުރުވެރިޔާ އަށް އެންމެ މޮޅުއިތުރުވެގެން ވަނީ ރޯދަ ހިފުން ހެއްޔެވެ؟ ނުވަތަ ރޯދަ ދޫކޮށްލުން ހެއްޔެވެ؟

އެންމެ މޮޅުއިތުރު ގޮތަކީ ރޯދަ ހިފުމެވެ. ނަމަވެސް، ރޯދަ ހިފުމުގެ ސަބަބުން ބޮޑު އުނދަގުލެއް ކުރިމަތިވާނަމަ، ރޯދަ ދޫކޮށްލުން މޮޅުއިތުރެވެ.

(مَن صامَ رَمَضانَ إيمانًا واحْتِسابًا…. ) (أخرجه البخاري (٢٠١٤)، ومسلم (٧٦٠)

މި ބަސްފުޅުގެ މާނައަކީ ކޮބައިހެއްޔެވެ؟ މިއީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ ބައެކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

(مَن صامَ رَمَضانَ إيمانًا واحْتِسابًا غُفِرَ له ما تَقَدَّمَ مِن ذَنْبِهِ)

މާނައީ: "އީމާންކަމާއެކު މާތް ﷲ ގެ ޙަޟްރަތުން ދަރުމައަށް އެދިގެން ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެދިޔަ ފާފަ ފުއްސަވައި ދެއްވާނެ އެވެ."

މީގެ މާނައަކީ: އެ މީހަކު ރޯދަހިފީ މާތް ﷲ تعالي އެކަން ފަރުޟުކު ރެއްވިކަމަށް އީމާންވެ ހުރެއެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުން ވާޖިބުކަމާއި، އެކަލާނގެއާ ބައްދަލުވާނެކަމަށް އީމާންވެ ހުރެއެވެ. އަދި އެކަމުގެ ސަވާބާއި ދަރުމައަށް އެދިގެންނެވެ. އެހެންކަމުން، އޭނާ ރޯދަހިފަނީ އޭނާގެ ހިތުގައިވާ އީމާންކަމުގެ ސަބަބުންނެވެ. އަދި އޭނާ އެދެނީ މާތް ﷲ تعالي ގެ ހަޟްރަތުން ލިބޭނެ ދަރުމައަށެވެ.

ރޯދަހިފާފައި ނަމާދުނުކުރާ މީހާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

މުސްލިމުންގެ މައްޗަށް އޮތީ ހުރިހާ ފަރުޟުތަކަކަށް ރައްކާތެރިވުމެވެ. ޝަހާދަތުގެ ދެކަލިމައަށްފަހު އެންމެ މުހިންމު ފަރުޟަކީ ނަމާދެވެ. ނަމާދުގެ މަތިވެރިކަމަށް އުނިކަން އަންނަ ފަދަ ގޮތަކަށް (ފަރުވާކުޑަކޮށް) ނަމާދު ދޫކޮށްލައިފި މީހާ ކާފިރުވާނެ އެވެ. އަދި އޭނާގެ ރޯދައެއް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ކަންނެތްކަމުން ނަމާދު ދޫކޮށްލާ މީހާ އަކީ މުސްލިމެކެވެ. އޭނާގެ ރޯދަ ޞައްޙަވާނެއެވެ. އެހެނަސް، ނަމާދު ދޫކޮށްލުމުގެ ސަބަބުން އޭނާ އެވަނީ ވަރަށް ބޮޑު ފާފައަކަށް އަރައިގަނެފައެވެ.

ނަމާދުކޮށްފައި، އެއްވެސް އުޒުރަކާ ނުލައި ރޯދަ ނުހިފާ މީހާގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ރޯދަ ހިފުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންވާ ހާލު، ރޯދައިގެ ފަރުޟު ދޫކޮށްލާ މީހާގެ އިސްލާމްކަން ފުރިހަމައެއް ނުވާނެ އެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.