އެމެރިކާ އާއި އިޒްރާއީލަށް އީރާން ބަލިކޮށްލެވެން އޮތީ އެންމެ ގޮތަކަށް ކަމަށް މިހާރު ގަބޫލު ކުރެވެއެވެ. އެއީ އިންސާނިއްޔަތަށް ބެލުމެއް ނެތި، ފަނާކުރަނިވި ވިހަ ކެމިކަލުންނާއި ނިއުކުލިއަރ ހަތިޔާރުން ހަމަލަދީ އީރާނުގެ އެތައް މިލިޔަން މުސްލިމުން އެއްފަހަރާ ޝަޙީދުކޮށްލުމެވެ. އަދި އީރާނުގެ ބިން އަނދާ އަޅިޔަށް ހަދާލުމެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ އެއްވެސް ހަމައެއް-ލަމައެއް ނެތް، ލާހޫރެމުންދާ ވެރިއެއްކަމާއި އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ އިންސާނިއްޔަތުގެ ދުޝްމަނެއްކަން ދުނިޔޭގެ ގިނަ ރައްޔިތުން މިހާރު ގަބޫލު ކުރެއެވެ.
މި ދެބޭފުޅުން އީރާންއާމެދު ގެންގުޅުއްވާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން އީރާނަށް ސަލާމަތެއް ނެތެވެ. ފާއިތުވި އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތުން ފެންނާން އޮތީ އީރާނުން ކަމެއްގައި ދޫދިނަސް އަދި ނުދިނަސް ނުވަތަ މަޝްވަރާގެ މޭޒުގައި އީރާންގެ އެއްބާރުލުން ކިތައްބޮޑަކަށް އޮތަސް، އީރާނާމެދު ހުޅަނގުން ރަނގަޅު އެއްކަމެއްވެސް ކޮށްފައި ނުވާކަމެވެ.
މިހާރު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލިޔަސް މީގެ އަހަރެއް ފަހުން އަލުން އުދުވާން ނުހިންގާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ. އިޒްރާއީލުގެ ވެރިންނަކީ މިވީހާތަނަށް ދުވަހަކުވެސް ބަހުގެ އިތުބާރެއް އޮތް ބައެއް ނޫނެވެ.
އެހެންކަމުން އީރާނަށް މިހާރު އޮތީ ގައުމުގެ ސަލާމަތަށްޓަކައި ނިއުލިއަރ ހަތިޔާރު އުފެއްދުމެވެ.
މެދުއިރުމަތީގެ ބިންތައް ފޭރިގެން 'ދަ ގްރޭޓާ އިޒްރާއީލް" އުފެއްދުމަށް އެމެރިކާ އާއި އިޒްރޭލް ގެންގުޅޭ މަކަރުވެރި ރޭވުން ހުއްޓުވުމަށްވެސް އިސްލާމީ އުއްމަތުގައި އޮތީ އީރާން އެކަނިއެވެ. މިސަބަބުތަކާ ހެދި ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ނިންމި ކަމުގެ ޚަބަރާއެކު އީރާނުން ދުނިޔެ ސިއްސުވާލާނެ ކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވެއެވެ.
އީރާންގެ ޚާރިޖީ ވަޒީރު ތަކުރާރުކޮށް އެ ވިދާޅުވަމުން ގެންދަވަނީ އީރާންއަތުގައި ދުނިޔެއަށް ދިނުމަށް ވަރަށް ގިނަ 'ސަޕްރައިޒް' އެބަހުރި ކަމަށެވެ.
އިސްލާމީ ގައުމުތަކުގެ 'މުނާފިޤު' ވެރިން ފިޔަވައި އުއްމަތުގެ ހުރިހާ މުސްލިމުންގެ ދުޢާއަކީ މި ހަނގުރާމާގައި އީރަށް ނަސްރު ލިބުމެވެ.
ނޯޓް: މިއީ އަހުމަދު ސައީދުގެ ލިޔުއްވުމެކެވެ.