Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ކަރަންގެ އިތުރު ފިލްމެއް ސިދާތަށް

ކަރަން ޖޯހަރް ބޮލީވުޑަށް ނެރުނު އެކްޓަރު ސިދާތު މަލްއުތުރާ އޭނަގެ އާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަށް ސިދާތު ސޮއިކުރި އާ ފިލްމަކީ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ޑްރާމާއެެއް ކަމަށާއި އޭގެ ޑައިރެކްޓަރަކީ ޝަރަން ޝަރުމާ ކަމަށެވެ. އޭނަ އަކީ ދަރްމާގެ 2024 ގެ 'މިސްޓަ އެންޑް މިސިޒް މާހީ' ގެ އިތުރުން 2020 ގެ 'ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް' ގެނެސްދިން ޑައިރެކްޓަރެވެ.

ސިދާތުއާ އެކު ޝަރަން ހަދަން ނިންމާފައިވާ ފިލްމަށް ތައްޔާރީތައްވަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން މެއި/ޖޫން ހިސާބުގައި ފަށާނެ އެވެ.

ސިދާތު ކުޅުނު ދަރުމާގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ އެކްޝަން ތުރިލާ 'ޔޯދާ' އެވެ. ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ބޮލީވުޑަށް ތައާރަފުވީ ކަރަން ޑައިރެކްޓްކުރި 2012 ގެ 'ސްޓޫޑެންޓް އޮފް ދި އިޔާ' އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ދަރުމާގެ ފިލްމުތަކުގެ ތެރޭގައި 'ކަޕޫރް އެންޑް ސަންސް'، 'ބްރަދާސް' 'ހަސީ ތޯ ޕަސީ' އަދި 'ބާރު ބާރު ދޭ ކޯ' ހިމެނެ އެވެ.

ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މެޑޮކް ފިލްމްސްގެ މިދިޔަ އަހަރުގެ 'ޕަރަމް ސުންދަރީ' އެވެ. އަދި އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެކްތާ ކަޕޫރްގެ 'ވަން: ފޯސެސް އޮފް ދަ ފޮރެސްޓް' އެވެ.