މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި އެވެ.
މިފްކޯއިން ބުނީ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 27.24ރ. އަށް ކަމަށާއި އަދި އާންމު ފަރާތްތަކަށް ޑީސަލް ވިއްކާނީ 28.54ރ. އަށް ކަމަށެވެ.
މިފްކޯގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ވަރަށް ބޮޑަށް ވަނީ ބޮޑުކޮށްފަ އެވެ.
އެގޮތުން ދާދި ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ފަހުން އައްޑޫން މިހާރު ޕެޓްރޯލް ލިޓަރެއް 29.26ރ. އަށް ވިއްކަމުންދާ އިރު، ޑީސަލް ލިޓަރެއް ވިއްކަނީ 30.13ރ. އަށެވެ.
އެސްޓީއޯ އިިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާ އިރު، މި މަހުގެ 5 އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގަކީ 16.01ރ. އަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ.އަށެވެ. އަދި ޑީސެލް ލީޓަރެއް މިހާރު 17.54ރ. އަށް ވިއްކަމުން އަންނަ އިރު، ކުރިން ޑީސަލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ.
ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމުންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ރާއްޖެ އަށް ތެޔޮ ގެނަމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.