ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައި ހުރި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމް ގޭ ބަންދަށް ބަދަލުކުރީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ގޭ ބަންދަށް ބަދަލުކުރި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އެއީ އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރުގެ ހުކުމަކާއި، ކޮވިޑް ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލައިގައި 23 އަހަރުގެ ޖަލު ހުކުމެކެވެ.
މީގެތެރެއިން ފުރަތަމަ މައްސަލައިގެ ހުކުމް ބައްސާމްގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.