Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމަކީ ޕީއެންސީގެ ނިޒާމެއް: ސަލީމް

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް - ފޮޓޯ: އެމްއެމްޓީވީ

ލާމަރުކަޒީ ނިޒާމަކީ ވެރިކަން ކުރާ ޕީއެންސީގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރެއްވި ބޭފުޅަކީ އަބްދުﷲ ހަމީދު ކަމަށާއި އޭގެ ފަހުން އިލްޔާސް އިބްރާހިމްވެސް ލާމަރުކަޒީ ނިޒާމު ގެނައުމުގެ މަސައްކަތް ކުރި ކަމަށެވެ. އެއަށްފަހު ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ލާމަރުކަޒީ ނިޒާމު ގާއިމުކުރުމަށްޓަކާ ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް ސަލީމް ވިދާޅުވި އެވެ.

"އެހެންވީމާ، ފުރަތަމަ ލާމަރުކަޒީ މި ނަންވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ރައީސް މައުމޫނުގެ ދޫފުޅުން. މިނަންވެސް އެނގިގެން ދިޔައީ. އޭގެ ކުރިން މި ނަމަކީ ރާއްޖޭގެ މީހުން ދަންނަ ނަމެއް ނޫން. ލާމަރުކަޒީ ނިޒާމުގެ ނަމަކީވެސް. އެހެންވީމަ މިހެން އޮތް އެއްޗެއް މީ ތިމަންނާމެންގެ އެއްޗެކޭ ކިޔައިގެން ވާހަކަ ދައްކާއިރުގަ މި މީހުން ލަދުގަންނަން ޖެހޭނެ" ސަލީމް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ އެއްވެސް ހާލެއްގައި މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި މިއީ މާކުރިން ހަމަޖެހި ނިމިފައި އޮތް ކަމެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

"އެހެންވީމާ ހަގީގަތުގަ މި ނިޒާމަކީ މިއަދު މިވެރިކަން ކުރާ ޕާޓީގެ ނިޒާމެއް. އެއްގޮތަކަށްވެސް މިއަކީ އެމްޑީޕީގެ ނިޒާމެއް ނޫން" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަވަޑައިގެން ވެސް މަސައްކަތް ކުރެއްވީ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށެވެ. އެގޮތުން ރާއްޖެ ހަތް ބަޔަކަށް ބަހާލައި ކޮންމެ އަތޮޅަކަށް، ޕްރޮވިންސަކަށް މީހަކު ލައިގެން، ޕްރޮވިންސް ހަދައިގެން، ނަޝީދު ދިޔައީ ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރައްވަމުންކަމަށް ސަލީމް ވިދާޅުވި އެވެ.