ރައްޔިތުންނަށް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތަކަށް ފަހު "އެމްއެމްޓީވީ"އަށް ދިން އިންޓަވިއުއްގައި ޒަމީރު ވިދާޅުވީ ތެލާއި ގޭހުގެ އަގު ވަރަށް ބޮޑުވެފައިވީ ނަމަވެސް ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ރައީސް އަންގަވާފައިވާ ގޮތަށް ކަންކަން އިންތިޒާމު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވީނަމަވެސް ރާާއްޖޭގައި ތެލުގެ މިންވަރު 30 އިންސައްތަ ވެސް އަދި ނުއުފުލޭ ކަމަށާއި އަދި ގޭސް ވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ގޭސް އަބަދުވެސް ރާއްޖޭގައި ހުންނަ ވަރަށް މިހާރުވެސް ސްޓޮކް އެބަހުރި. އަދި ބަނދަރުގައި މިހާރުވެސް ގޭސް ވިއްކާ ކުންފުނީގެ ޓޭކަރެއް އެބައޮތް. އެހެންވީމަ ދަތިތަކެއް ނެތި އަޅުގަނޑުމެންނަށް ގޭސް ލިބޭނެ އިރާދަކުރެއްވިއްޔާ. އަދި ތެޔޮ ހިފައިން މިހާރުވެސް އެސްޓީއޯގެ އަމިއްލަ ދެ ބޯޓް ރާއްޖެއާ ދިމާއަށް އެބަ ދަތުރުކުރޭ," ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް މިވަގުތުވެސް ކާޑުވެސް އެބަހުރި ކަމަށާއި އެކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ރޭ ވަނީ ބުނެފަ އެވެ.