ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހާއެކު، ވަޒީފާ އަދާކުރާ މައިންނަށް ލިބިގެންދިޔަ ލުއިތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ގާނޫނަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން ދެ އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ މަސައްކަތާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި އިސްލާހަކީ މައިންގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، މެދުނުކެނޑި ގާތުންކިރު ދިނުމަށް މަގުފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ޙައްޤުތައް ލިއްބައިދޭ މޭރުމުން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ.