އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ، އެމެރިކާގެ ރައްޔިތުން ވެސް ރުހޭ ހަނގުރާމައެއް ނޫނެވެ. އީރާނަކީ މިހާތަނަށް އެމެރިކާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިކުރި ޤައުމެއް ނޫނެވެ. އެހެން ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ޝައިޠާންޔާހޫ، އޭނާގެ އަމިއްލަ މަސްލަޙަތު އިސްކޮށް، ޓުރަމްޕު ލައްވާ އެމެރިކާގެ އަސްކަރިއްޔާ މި ހަނގުރާމައިގެ ތެރެއަށް ވައްޓައިލިީއެވެ. އިޒުރޭލުން ދިޔައީ ފާއިތުވި 47 އަހަރުގެ ތެރޭގައި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ އެކި ރައީސުންނަށް އާދޭސް ކުރަމުންނެވެ. އެހެންނަމަވެސް، އެމެރިކާގެ ކުރީގެ އެއްވެސް ރައީސަކު އެކަމަކަށް އެއްބަހެއް ނުވިއެވެ.
އެންމެ ފަހުން، އެޕްސްޓައިންގެ ފައިލްތަކުގެ ދަށުވެފައިވާ ޑޮނަލްޑް ޓުރަމްޕު ދެވަނަ ފަހަރަށް ވެރިކަމަށް އައުމާއެކު، ޝައިޠާންޔާހޫގެ އެ ހުވަފެން ޙަޤީޤަތަކަށްވިއެވެ. އަދި އިޒުރޭލުގެ މުޑުދާރު ހަނގުރާމައިގެ ތެރެއަށް އެމެރިކާގެ އަސްކަރިއްޔާ ވެއްދިއެވެ. އީރާނާ ދެކޮޅަށް އެމެރިކާ ލައްވައި ހަނގުރާމަ ކުރުވުމަކީ ޝައިޠާންޔާހޫގެ މުޅި ޢުމުރު ދުވަހު، ދެކެމުން އައި ހުވަފެނެކެވެ.
ކޮންމެއަކަސް މިހާރު ޓުރަމްޕް އެވަނީ އަޑިނޭނގޭ ފުން އަނދަވަޅަކަށް ވެއްޓިފައެވެ. އަދި، އެ އަނދަވަޅުން އޭނާ އަމިއްލައަކަށް އަރައިގަނެވޭކަށް ނެތެވެ. ހަނގުރާމަ ކުރިއަށްދާ ގޮތާއި، އަދި އެމެރިކާއިން އީރާނުގެ އެތައް ހާސް އަމާޒަކަށް ޙަމަލާދީފިކަމަށް ބުނެ، ފޮނިބައިސާ ކެނޑުމަކީ މިވަގުތު މާނައެއް ހުރި ކަމެއް ނޫނެވެ. އެމެރިކާއިން، އީރާނުގެ އިތުރު 100،000 އަމާޒުތަކަށް ޙަމަލާ ދެވިދާނެއެވެ. އެކަމަކު، އެއީ ހަނގުރާމައިގެ މިސްރާބަކަށް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ.
ކުރިއަށް އޮތް ހަފްތާތެރޭގައި އިޒުރޭލުގެ އަތުގައި ހުރި އިންޓަސެޕްޓަރ މިސައިލް ހުސްވެ، ޠެލްއަބީބާއި، ހައިފާ އޮންނާނީ އީރާނުގެ މިސައިލްތަކުން ދިފާޢުވާނޭ ގޮތެއް ނެތި އީރާނުގެ ޝިކާރައަކަށް ވެފައެވެ. އިޒުރޭލުގެ ވައިގެ ދިފާޢީ ނިޒާމުތައްވެސް މިހާރަކު ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ.
މި ހަނގުރާމައިން ހާމަވި އެއް ކަމަކީ ވައިގެ ދިފާޢީ ނިޒާމުތަކަކީ ކިހާ ބޭކާރު އެއްޗެއް ކަމެވެ. އަސްކަރީ މުޙައްލިލުން ދެކޭ ގޮތުގައި އީރާނުގެ އަތުގައި 45،000 އަށް ވުރެ ގިނަ މިސައިލް ހުރެދާނެއެވެ! އެއީ، އީރާނުން އަހަރުތަކެއް ވަންދެން ދިގުދެމިގެންދާނޭ ހަނގުރާމައެއްގެ ވާހަކަ ދައްކަމުން އަންނަ އެންމެ ބޮޑު އެއް ސަބަބެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެދި ޓުރަމްޕް ކުރަމުންދާ އާދޭސްތަކަށް އީރާނުން ތަކުރާރުކޮށް ދެކޮޅުހަދަމުން ދަނީވެސް އެހެންވެގެންނެވެ.
އަހުރެމެންނަށް ފެންނަމުން މިދަނީ ތާރީޚު އިޢާދަ ވަމުންދާތަނެވެ. މިދިޔައަހަރު ޖޫން މަހު، އީރާނާއި ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އެދި ޓުރަމްޕަށް އާދޭސްކުރީ އިޒުރޭލުންނެވެ. މިއަދު އަހުމެންނަށް މިފެންނަނީ، ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުކަމަށް ބުނާ އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް އެދި، 47 އަހަރު ވަންދެން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަޙައްދީ ބާރެއްކަމަށްވާ އީރާނަށް އާދޭސް ކުރަމުންދާތަނެވެ. އީރާނުން ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާކަމަށް ބުނެ، ޓުރަމްޕް ދައްކަމުންދާ ވާހަކައަކީ ބުހުތާނު ދޮގު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫނެވެ.
އީރާނުގެ އާންމު ރައްޔިތުން ހަނގުރާމައާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯފުޓޭޗް އެހުރީ ފެންނާށެވެ. އެ އިންޓަވިއުތަކުގައި ވާހަކަ ދެއްކި އެއްވެސް މީހަކު ހަނގުރާމަ ހުއްޓާލުމަށް ޝައުގުވެރިވާ ކަމަކަށް ނުބުނެއެވެ. އެ އެންމެންވެސް ބޭނުންވަނީ އެމެރިކާއާއި، އިޒުރޭލަށް ފިލާވަޅެއް ދޭށެވެ. އެހެންކަމުން، ހަނގުރާމަ ހުއްޓާލުމަށް ބޭނުން ނުވަނީ ހަމައެކަނި އީރާނުގެ ވެރިންނެއް ނޫނެވެ.
އީރާނުގެ އާންމު ރައްޔިތުންވެސް ބޭނުންވަނީ އެދެވޭ ނަތީޖާއަކަށް ވާސިލު ނުވެވޭހާ ހިނދަކު ހަނގުރާމަ ހުއްޓާނުލުމަށެވެ. އެއީ އެމެރިކާއާއި، އިޒުރޭލުގެ ނުރައްކާތެރި ވައިގެ ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ އީރާނުގެ ރައްޔިތުންގެ ބަސްމަގު ހުރި ގޮތެވެ. ޓުރަމްޕާއި، ޝައިޠާންޔާހޫ ވަނީ އީރާނުގެ ސިންގާ ހޭލައްވާލާފައެވެ.
އީރާނަށް 2،200 މެރިން ސިފައިން ނުވަތަ 82 ވަނަ އެއާރބޯން ޑިވިޝަންގެ ސިފައިން ފޮނުވުމުގެ ވާހަކަ ޓުރަމްޕް ދައްކާއިރު އެ ވާހަކައަކީ ބުއްދި ހަމަޖެހޭ މީހަކު ދައްކާނެ ވާހަކައެއް ނޫނެވެ. ޓުރަމްޕަކަށް އީރާނުގެ ޖުޣުރާފީއެއް ނޭނގެއެވެ. ކޮންމެއަކަސް އީރާނަށް ފޮނުވާ އެމެރިކާގެ ބިންމަތީގެ ހަނގުރާމަ ވެރިންނަކީ، އީރާނުގެ އިސްލާމީ އިންޤިލާބީ ގާޑުންގެ އަތުން މަރުވަން ފޮނުވާ ބައެކެވެ. އެ މީސްކޮޅު، އިންޤިލާބީ ގާޑުންނާއި، އީރާނުގެ ސިފައިން ޢީދަށް ކަންބަޅިތަކެއް ކަތިލާހެން، ކަތިލައި ލާނެއެވެ. އެމެރިކާގެ ކަނޑުގެ ސިފައިން، ހުރުމޫޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތަކަށް ޙިމާޔަތްދޭނެ ކަމަށް ބުނެ ޓުރަމްޕު ދެއްކި ވާހަކަވެސް، ހުސް ވާހަކަތަކަކަށް ވެއްޖެއެވެ.
އެމެރިކާގެ ކަނޑުގެ އަރުމާޒަށް ކަނޑައެޅިގެން ގެއްލުން ލިބޭނޭ އެއްވެސް ކަމެއް ކުރުމަށް އެމެރިކާގެ އަަސްކަރިއްޔާގެ އިސްވެރިން ވަނީ ދެކޮޅު ހަދާފައެވެ. ހުރުމޫޒު ކަނޑުއޮޅީގެ ހަނި ފެންމަގުގައި އީރާނުގެ މިސައިލްތަކާއި، ޑްރޯންތަކުގެ އަމާޒަކަށް އެމެރިކާގެ އަރުމާޒު ވެދާނޭކަން އެމީހުންނަށް އެނގެއެވެ. ނޭޓޯގެ ޤައުމުތަކަށް ޓުރަމްޕް އާދޭސް ކުރުމުންވެސް، ނޭޓޯގެ އެއްވެސް ޤައުމަކުން މި ހަނގުރާމައިގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ. ވީމާ، މިއަދު ޓުރަމްޕު އެވަނީ ދުނިޔޭގެ ކުރިމަތީގައި އެކަހެރިވެ ބާކީވެފައެވެ.
މި ހަނގުރާމަ ދިގުލައިގެން ދާނެ ކަމަށާއި، އަދި މާ ދުރުނޫން މުސްތަޤުބަލެއްގައި ތެޔޮފީފާއެއްގެ އަގު 200 އެމެރިކާ ޑޮލަރު ފަހަނައަޅައި ދާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކާބޯތަކެތީގެ އަގު ވެސް ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ، ދުނިޔޭގެ ދަނޑުވެރިކަމަށް ބޭނުންވާ ކާދުގެ 30 އިންސައްތައަކީ ހުރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވާ އެއްޗެކެވެ.
ހުރުމޫޒު ކަނޑުއޮޅި ބަންދުވެ، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ކާދު، ދަނޑުވެރިންނަށް ނުލިބިއްޖެނަމަ، ދުނިޔޭގެ ކާބޯތަކެތީގެ އިންފްލޭޝަން މައްޗަށްގޮސް، ބަނޑުހައި ހޫނުކަން ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.
ކުރިއަށް އޮތް މަސްތަކުގައި، ތެލުގެ އަގު މައްޗަށް ގޮސް، ކާބޯތަކެތީގެ އަގު ބޮޑުވެ، ބޮޑު ތަދުމަޑުކަމެއް ލައިގަންނާނެ ކަމަށް ކަމާއިބެހޭ މާހިރުން ދަނީ އިންޒާރު ދެމުންނެވެ. ދުނިޔެ މި ޙާލަތަށް ވައްޓައިލީ އެމެރިކާގެ ބޯގަޅި ރައީސް ޑޮނަލްޑް ޓުރަމްޕާއި، ހަނގުރާމައަށް ފެންބޮވައިގެންފައިވާ އިޒުރޭލުގެ ކުރީގެ ބޮޑުވަޒީރު ޝައިޠާންޔާހޫ އެވެ.
ނޯޓް: މިއީ ހަސަން ލަތީފްގެ ލިޔުއްވުމެކެވެ.