Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ރައީސް މުއިއްޒުގެ ތައުޒިޔާ ބަންގާޅު ބޮޑުވަޒީރަށް

އދ. ދިގުރަށުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއެެއްގައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވުމާ ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ ތައުޒިޔާގެސިޓީގައި އެ ނުރައްކާތެރި ޙާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ޚާއްސަކޮށް، ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި، އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ޙާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސް ވަނީ މި ޙާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުން އަންނަ ދައުރަކީ އަގުނުކުރެވޭނެ ދައުރެއް ކަމަށާއި، އަލިފާނުގެ ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާ ވެސް ވާ ކަމަށެވެ، އަދި ޙާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށާއި، އެފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ދިގުރަށުގައި ރޯވީ ބިދޭސީން އުޅެމުން އައި އެކޮމޮޑޭޝަން ބްލޮކެއްގަ އެވެ. އެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު ބަންގްލަދޭޝް އަށް ވަނީ ފޮނުވައިފަ އެވެ. އަދި އެ ހާދިސާގައި ފިހުނ އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.