Last Updated: June 5, 10:59
Friday, June 5, 2026
ދުނިޔެ

އިރާނުގެ ކުރިމަތީގައި އެމެރިކާ ބަލި ގަބޫލު ކުރަނީބާ؟

​މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަޔާއިމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު "އެއާފޯސް ވަން" ގައި ދެއްކި ބައެއް ވާހަކަ ތަކުން މުޅި ދުނިޔެ ސިއްސުވާލައިފިއެވެ.

އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް 17 ދުވަސްވެފައިވާ އިރު، ޓްރަމްޕް ވަނީ އެމެރިކާ ސިފައިން އެ ސަރަޙައްދުގައި ތިބުމުގެ ބޭނުމާ މެދު ސުވާލު އުފައްދައިފަ އެވެ.

​ޓްރަމްޕް ބުނި ގޮތުގައި އެމެރިކާ އަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. އެހެންކަމުން، މެދުއިރުމަތީގެ ތެލަށް އެމެރިކާ ބަރޯސާވާންޖެހެނީ ކުޑަ މިންވަރަކަށެވެ. އޭނާ ބުނި ގޮތުގައި މެދުއިރުމައްޗަކީ ތެޔޮ ގިނަ ތަނެކެވެ. އެ ސަރަޙައްދުގެ ރައްކާތެރިކަން ބެލެހެއްޓުމަކީ އެ ސަރަޙައްދުގެ ޤައުމުތަކުން ކުރަންޖެހޭ ކަމެކެވެ. އަދި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަކީ އެތަނުން ބޭރުކުރާ ތަކެއްޗަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމު ތަކުގެ ޒިއްމާ އެކެވެ. އެ ސަރަޙައްދުގައި އެމެރިކާނުން ތިބުމުގެ ބޭނުމާއިމެދު ޓްރަމްޕް ސުވާލު އުފެއްދިއެވެ.

އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެށި ހަނގުރާމަ އެމީހުން ބޭނުންވީ އެއްވެސް ގޮތަކަށް ނުދިޔައެވެ. އީރާނުގެ އިސްވެރިން ޝަހީދު ކޮށްލުމުން އީރާނުގެ މީހުންގެ ހިތްވަރު އެލި، ދީނީ މީހުންނާއި އިންގިލާބީ ބާރުތައް ބަލިކަށިވެ ލާދީނީ މީހުން މަގުމައްޗަށް ނިކުމެ އެމީހުންގެ އަތް މައްޗަށް ވެރިކަން ފުރޮޅާލާނެ ކަމަށް އެމީހުން ޖެހި ހިސާބު ދިޔައީ ސުމަކުންނެވެ.
އީރާނުން ރައްދު ޙަމަލާ ދިނީ މުޅި ދުނިޔެ ސިއްސުވާލާފަދަ ވަރުގަދަ ކޮށެވެ. އެގައުމުގެ ރައްޔިތުން އެމީހުންގެ ވެރިންގެ ފަހަތުގައި ވަރުގަދަޔަށް އެތުރުނެވެ.

އެމެރިކާ ވަނީ މިއަދު ބޮލާފޮށާ އެޅި ނިމިފައެވެ. އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކާ އެކުވެސް އީރާނުން ވަނީ އެމެރިކާގެ މިލިޓަރީ ބޭސް ތައް ފުނޑުފުނޑުކޮށް އެތަންތަން ފަޅު ކޮށްފައެވެ. އެމެރިކާއާއި ގުޅިގެން ސަރަޙައްދުގެ ޢަރަބިންނަށް ލިބޭނޭ ރައްކާތެރިކަމެއް ނެތްކަން އީރާނުން ދައްކައި ދީފިއެވެ. އިޒްރޭލަކީ އަތްނުލެވޭވަރުގެ ބައެއް ނޫންކަން ވެސް ސާފުކޮށް ދައްކައިދީފިއެވެ. ނުބައިޔާހޫ ނިޒާމުން ގެއްލުވާލައިފިއެވެ. އިޒްރޭލުގެ ބޮޑެތި ރަށްރަށުން ޣައްޒާގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މިހާރު އެމެރިކާ އުޅެނީ އަބުރުގެ ބާކީ އޮތް އެތިފުކެއްވިއްޔާ އެ އެތިފުކެއްވެސް ސަލާމަތް ކޮށްގެން ބޯދަމައިގަނެވޭނޭ މަގެއް ހޯދާށެވެ. ނަމަވެސް އީރާނުން އެމަގުވެސް ނުދެއްކިއެވެ. އީރާނުން ބުނަނީ ކޮންމެ ފަހަރަކު އިސްވެ ޙަމަލާ ދީފައި ބޭނުންވީ ކަންތައް ނުވީމާ ހަނގުރާމަ ހުއްޓާށޭ ކިޔައިގެން ހަމައެއް ނުޖެއްސޭނޭ ކަމުގައެވެ. މިފަހަރު ދޫކުރާނީ މީގެ ފަހުން އީރާނާއި ބެހެން ނުކެރޭވަރު ކޮށްލާފައި ކަމަށެވެ.

އިރާނުގެ ޢަސްކަރީ ކޮމާންޑަރުންނާއި އަދި ސްމާރޓް ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ވިދާޅުވަމުން ގެންދަވަނީ، އެމެރިކާއާއި އިސްރާއީލަށް އޮތް ހަމައެކަނި ގޮތަކީ އަމާންދީ ގަލްފު ސަރަޙައްދުން ފައިބައިގެން ދިއުން ކަމަށެވެ. އަދި ސަރަޙައްދުގެ ގައުމު ތަކަށް އޮތް ގޮތަކީ އެމެރިކާގެ ބާރުތައް އެގައުމު ތަކުން ބޭރު ކުރުން ކަމަށެވެ.

ޓްރަމްޕް މިހާރު އެ ބަލަނީ ބޯދަމައިގަންނާނެ "އެގްޒިޓް ސްޓްރެޓެޖީ" އަކަށެވެ. އޭނާ ބުނަނީ އީރާން މިހާރު ވަނީ ތަޅާ ސުންނާފަތި ކޮށްފައެވެ. އެތާކު ދެން އިތުރަށް ސުންނާފަތި ކުރާނޭ އެއްޗެއް ނެތެވެ. އީރާނުގެ މިލިޓަރީ އެއްކޮށް ނައްތާލައިފީމެވެ. މިސައިލް ނިޒާމު ފުނޑާލައިފީމެވެ. މިގޮތަށް މިކަންތައް ކޮށްދިނީމާވެސް އީރާނުގެ ރައްޔިތުންނަށް ނިކުމެ ވެރިކަން ފުރޮޅާކަށް ނުކެރުނެވެ. ވީމާ ދެން އެމެރިކާ ކުރާނީ ކީއްހެއްހެވެ؟ ނަމަވެސް ޓްރަމްޕްގެ ބަހެކޭ ވައިސޫރިއެކޭ އެއްވެސް ތަފާތެއް ނުހުރެއެވެ. އެއްޗެކޭ ބުނެފައި އިރުކޮޅަކުން އޭގެ ދިމާ އިދިކޮޅަށް ބުނުމަކީ އޭނާގެ އާދައެކެވެ. އީރާނުގެ ހުރިހައި ބާރުތަކެއް ބަލިކޮށްލާފައި ވާ ކަމަށާއި، އެކަމަކު ހުރުމުޒު ކަނޑުއޮޅި ވަނީ އީރާނުގެ ބާރުގެ ދަށުގައި ކަމާއި، އެމެރިކާޔަށް އެކަނި އީރާން ބަލި ކުރެވޭނެ ކަމަށާއި އެކަމަކު ކަނޑުއޮޅި ހުޅުވަން އެމެރިކާޔަށް ދުނިޔޭގެ އެހެން ގައުމު ތަކުގެ އެހީ ބޭނުން ކަމަށާއި އެހީ ނުދީފިނަމަ ޔޫރަޕްގެ މީހުންނަށް ހަދާގޮތް ދައްކާލާނެ ވާހަކަޔާއި މިއީ ޓްރަމްޕް ދައްކަމުންދާ ދެއުޅި އެއް ނުވާ ވާހަކަތަކެވެ.

ނަމަވެސް ގަލްފުގައި އެމެރިކާ ތިބެންޖެހޭ ސަބަބެއް ނެތް ކަމުގައި އެމެރިކާގެ ރައީސް ބުނުމަކީ ކުޑަ ކަމެއް ނޫނެވެ. މީގެ މާނަޔަކީ އެމެރިކާގެ ސުޕަރ ޕަވަރގެ ދައުރުގެ އިރު އޮއްސިއްޖެ ކަމުގައި އެމެރިކާ އިޢުތިރާފް ވުމެވެ.

އެމެރިކާގެ ޙަގީގީ ބާރުވެރިޔަކީ ރައީސް ޓްރަމްޕެއް ނޫނެވެ. ޓްރަމްޕަކީ އެހެން ބައެއްގެ ޕްރޮގްރާމް ހިންގައި ދިނުމަށް ބަހައްޓާފައި ހުންނަ ކަރުދާސް ފޮށި ރައީސެކެވެ. ޙަގީގީ ބާރުވެރިންނަކީ ބާރުގަދަ ޒަޔަނިސްޓު ލޮބީ އާއި ހަތިޔާރު އުފައްދާ ކުންފުނި ތައް ނުވަތަ "މިލިޓަރީ އިންޑަސްޓްރިއަލް ކޮމްޕްލެކްސް" ގެ މައްޗަށް އުފެދިފައިވާ "އަޑީ ދައުލަތެވެ." ޓްރަމްޕް މިދެއްކި ވާހަކަޔަކީ އަޑީ ދައުލަތުގެ މަސްލަޙަތާއި ފުށުއަރާނޭ ވާހަކަ އެކެވެ.

ސުވާލަކީ ޓްްރަމްޕް މި އިޝާރަތް ކުރި މަގުން ހިނގައި އެމެރިކާ ގަލްފުން ބޯދަމައިގަންނާނީ ބާވައެވެ؟ ނުވަތަ މަރަށް ތެޅެމުންދާ އެމެރިކަން އެމްޕަޔަރ އިން އަދި އެއް ބޮނޑި އަޅާނެ ބާވައެވެ؟ އެމެރިކާގެ ފޮނިކޮޅު ބޮމުން އަންނަ ފަނިފަކުސަ ކަމަށްވާ އިޒްރޭލަށް ދެންވާނީ ކިހިނެއްބާވައެވެ؟ ޓްރަމްޕަށް ވާނީ ކިހިނެއް ބާވައެވެ؟ އަޑީ ދައުލަތުން ލަގަން އަތުލާނީ ބާވައެވެ؟ އިޒްރޭލަށް ހަނގުރާމަ ކޮށްދޭން ވެގެން އެމެރިކާގެ ވަސީލަތްތައް ބޭކާރުކޮށް އެމެރިކާގެ ރައްޔިތުން މަރުވުމަކީ މިހާރު އެމެރިކާގެ ގިނަ ބަޔަކު ނުރުހޭ ކަމެކެވެ.

ލަދުވެތި ބަލިވުމަކާއި ކުރިމަތިލާން ޖެހުނު ބޭކާރު ހަނގުރާމަޔަކަށް އެމެރިކާ ވައްޓާލި ކަމުގެ ސިޔާސީ ހަސްކާ ޓްރަމްޕަށް ލިބޭނެއެވެ. އޭނާ ގޮސް އަނެއްކާވެސް ވަންނަން ޖެހޭނީ އެއެއްޗަކުން ސަލާމަތް ވާން މިކުޅިގަނޑެއް ފެށި އެޕްސްޓެއިން ފައިލްގެ ތެރެއަށް ހެން ހީވެއެވެ.

މި ހަނގުރާމަ ހިނގަމުން މިދާ އިރު ހިތްހަމަޖެހޭ އެއްކަމަކީ އެމެރިކާގެ ހުރިހައި ޖަރީމާތަކެއްގައި އަބަދުވެސް ބައިވެރިވާ ޔޫރަޕް މިއަދު އޮތީ އެމެރިކާއާއި މޫނު ކެނޑިފައި ކަމެވެ. ޓްރަމްޕް ވަނީ ޔޫރަޕްގެ މީހުންނާއި ތަކުރާރުކޮށް ހަނގާކޮށް އެމީހުން ރުޅި އަރުވާފައެވެ. އީރާނުން އެކޮށްލާ ވަރު ފެނުމުން ޔޫރަޕްގެ އެއްވެސް ގައުމުން އެ ހިސާބާއި ވައިއެޅިލާކަށްވެސް ބޭނުމެއް ނޫނެވެ. ޖަރުމަނުގެ ދިފާޢީ ވަޒީރު ބުނީ އެމެރިކާގެ ކެރިއަ މަނަވަރު ތަކަށް ނުވިކަމެއް ތިމަންނަމެންގެ ފްރިގޭޓް ބޮއްކުރާތަކުގައި ގޮސް ކުރާނީ ކިހިނެއް ހެއްޔެވެ؟

ހަނގުރާމައިގެ ލަގަން މިއަދު އޮތީ އީރާން އަތުގައެވެ. އީރާން ބުނަނީ ހަނގުރާމަ ހުއްޓާނީ އީރާން ބޭނުންވީމާ ކަމަށެވެ.
މިއީ ތާރީޚީ ދުވަސް ތަކެކެވެ. މިގޮތަށް ކުރިޔަށް ދާނަމަ ﷲ ﷻ އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާއަކީ މި "ރަމަޟާން ހަނގުރާމަ" ދުނިޔޭގެ ތާރީޚު ބަދަލު ކޮށްލާ ހަނގުރާމަ އަކަށް ވުމެވެ. އެއީ ދޮޅު ގަރުނު ވަންދެން ދުނިޔޭގައި ސަރުދާރު ކަން ކުރަމުން އަންނަ ސުޕަރ ޕަވަރ ގައުމު އެއަށްވުރެ މާ ކުޑަ ގައުމެއްގެ އަތުން ބަލިވެ އިނދަ ޖެހުނު ޙާދިސާ ކަމުގައިވުމެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.