އެމްއެންޑީއެފް އެއަވިންގު ގެ ފަރާތުން "ވެޓް ވިންޗިން" ޓްރެއިނިން ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާގައި އިއްޔެ ފަށައިފި އެވެ.
ފަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކަނޑުމަތީގެ ޙަދިސާތަކުގައި ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމުގައި ހެލިކޮޕްޓަރު ބޭނުން ކޮށްގެން ވަލުގެ އެހީގައި ފައިބާނެ ގޮތް ދަސްކޮށް ދިނުމުގެ އިތުރުން އެއަކްރާފްޓަށް އަހުލުވެރި ކުރުވުމާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ އާލާތްތަކަށް ހޭލުންތެރިކަން އިތުރުކޮށް އަހުލުވެރި ކުރުވުން ހިމެނެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ފުރަތަމަ މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނަށް ސޭފްޓީ ހޭންޑްލިން އާއި ސިގްނަލްތައް ދަސްކޮށް ދިނުމުގެ އިތުރުން ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންޑިއާގެ ކޯސްޓްގާޑް ކޮންޓިންޖެންޓްގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
އިންޑިއާގެ ކޯސްޓްގާޑް ކޮންޓިންޖެންޓް އާއި އެމްއެންޑީއެފް އެއަވިންގު ގުޅިގެން އިއްޔެ ފެށި މި ޓްރެއިނިން ޕްރޮގްރާމްގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ހިމެނުނު ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި އެމްއެންޑީއެފް މެރީންސް އަށްވެސް އަމާޒުކޮށްގެން މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.