ތެލުގެ އަގު އުފުލިފައިވާތީ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އެގޮތުން ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އުފުލެމުންދާ އިރު ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި މި ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ވޭތުވެދިޔަ ދިގު މާޒީގައި އަޅާފައި ނުވާ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ
"ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަން ޖެހުމަކީ އިންސާފެއް ކަމަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަން،" ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ ތެލާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނީ މިކަމާ ގުޅޭ ގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި ރަސްމީކޮށް އެދި ވެސް ފައިވާ ކަމަށެވެ.