Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

"ސޮރީ" އަލުން ސިނަމާ އަށް އަންނަނީ

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސޮރީ" އަނެއްކާ ވެސް ބޮޑު ސްކްރީންގައި ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނަހުލާގެ އާއިލީ ފިލްމު ކުންފުނި، ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދިން ފިލްމު މި ފަހަރު އަޅުވަން ނިންމާފައި ހުޅުމާލޭގެ ސިނެލޮޖް ސިނަމާގަ އެވެ. އެހެންވެ އެތަނުގައި "ސޮރީ" ބަލާލަން ބޭނުންވާ މީހުންނަށް މިހާރު ވަނީ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ސިނެލޮޖް ސިނަމާގައި ފިލްމު ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 21 އިން ފެށިގެންނެވެ.

"ސޮރީ" އަކީ މިދިޔަ އަހަރުގެ ޖޫން 17 އިން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އޮލިމްޕަހުގައި ޝޯތައް ދެއްކި ފިލްމެކެވެ. އޭގެ ފަހުން ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް ފިލްމުގެ ޝޯތަކެއް ދައްކާފައިވާ އިރު، ވަރަށް ގިނަ ރަށްރަށުގައި ވެސް އަޅުވާފައިވެ އެވެ. އަދި "ސޮރީ" ގެ ޝޯތަކެއް ސްރީ ލަންކާ އާއި ތައިލޭންޑްގައި ވެސް ދައްކާފައިވެ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ. މި ތަރިންނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުޑަ ދެ އަންހެން ކުއްޖަކު ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވެ އެވެ.

އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.

"ކަލާޔާނުލާ" އާއި "ޒުލޭހާ" އާއި "ޔޫސުފް" އަދި "4426" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ނަހުލާ ބުނެފައިވާ ގޮތުގައި އޭނަ ދެން ހަދާނީ "ގިސް" ކިޔާ ފިލްމެކެވެ.