Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫން ތެޔޮ ވިއްކާ އަގު ދަށްކޮށްފި

ހިތަދޫ ލިންކް ރޯޑްގައި ހުންނަ ތެޔޮ ޝެޑް ކައިރީގައި ވެހިކަލްތަކެއް. ފޮޓޯ/ ސޯޝަލް މީޑިއާ

ޕެޓްރޯލާއި ޑީސަލްގެ އަގު އިއްޔެ އައްޑޫގައި ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ތެލުގެ އަގު ހެޔޮވެއްޖެ އެވެ.

މިހާރު އައްޑޫގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 18.56ރ. އެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 19.38ރ. އެވެ. އިއްޔެ އައްޑޫގައި ކުއްލިއަކަށް ތެލުގެ އަގަށް އައި ބަދަލާ އެކު ޕެޓްރޯލް ލީޓަރެއްގެ އަގު 29.26ރ. އަށް އެރި އެވެ. އަދި ޑީސަލް ލިޓަރެއް އަގު 30.13ރ. އަށް އެރި އެވެ.

އައްޑޫން ވިއްކާ ތެލުގެ އަގަށް އެފަދަ ބަދަލެއް އައީ އެސްޓީއޯ އިިން މި މަހުގެ 5 އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 16.01ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. އަށް ބޮޑުކޮށްފައި ވަނިކޮށެވެ.

ނަމަވެސް ތެލުގެ އަަގު ވަރަށް ބޮޑަށް ރާއްޖޭގައި އުފުލުމާ ގުޅިގެން އެސްޓީއޯ އިން ރޭ ވަނީ ޕަބްލިކް ފެރީ އާއި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަަމަޖައްސައިފަ އެވެ. އަދި މަސްވެރިންނަށް ފަހި ހަކަތަަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި މަހުގެ 5 އިން ފެށިގެން ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ. އަށެވެ. އަދި ޑީސެލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ.

ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ މެދުއިރުމަތީގައި މިހާރު ހަނގުރާމައެއް ހިނގަމުން ދިޔަ ނަމަވެސް ރާއްޖެ އަށް ތެލާއި ގޭހުގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި އެ ބާވަތްތަކުގެ އަގު ވަނީ އުފުލިފަ އެވެ.