Last Updated: June 5, 10:59
Friday, June 5, 2026
ދުނިޔެ

'ފޯލްސް ފްލެގް' ހަމަލާއެއްގެ ބިރު!

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒުރޭލުން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ފޯލްސް ފްލެގު (False Flag) ހަމަލާއެއް ދީފާނެކަމުގެ ބިރުވެރި އަޑުތައް ދަނީ ފެތުރެމުންނެވެ.

ފޯލްސް ފްލެގު ހަމަލާއަކީ އަމިއްލަ ތަނަކަށް ނުވަތަ އަމިއްލަ ބަޔަކަށް އަމިއްލައަށް ގެއްލުން ބޮޑު ހަމަލާއެއްދީ އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމެވެ. މިފަދަ ހަމަލާއެއް ދެނީ އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެ ބަޔަކު ބޭނުންވާ ކަމެއް ނުވަތަ ބޭނުންވާ ޖަރީމާއެއް އަނެއް ބަޔަކާ ދެކޮޅަށް ހިންގުމަށް ބަހަނާއެއް ހޯދުމަށެވެ.

އީރާނުން ތުޚުމަތު ކުރަނީ އެމެރިކާ އިން ރާވަނީ އެމެރިކާގެ އާންމު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކަށް އަމާޒުކޮށް 9/11 (ސެޕްޓެންބަރު އެގާރަ) ގައިދިން ހަމަލާ ފަދަ ނުރައްކާތެރި ހަމަލާއެއް އެމެރިކާގައި ދޭން އުޅޭ ކަމަށެވެ.

މި އަޑުތައް ފެތުރިފައި މި ވަނީ ހަނގުރާމަ ދިރާސާކުރާ އިސްތިރާޖީން ވަރަށް ބިރުވެރި އަންދާޒާތަކެއް މި ހަނގުރާމަ މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ކުރަމުން ދަނިކޮށެވެ. އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިން ނިކުންނާނެ އެއްވެސް މަގެއް ނުފެނި އެމެރިކާ އާއި އިޒުރޭލު ގޮތް ހުސްވެއްޖެ ކަމަށް ބުނާ ދަނޑިވަޅެއްގައެވެ. ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމާއެކު ތެލުގެ އަގު މުޅި ދުނިޔޭގައި ވެސް އުފުލި ޤައުމުތައް މަޑުމަޑުން ހުއްޓުމަކަށް އަންނަމުންދާ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ޤައުމުތަކުން އެމެރިކާ ދެކެ އަންނަ ރުޅި އިތުރުވެ، އެމެރިކާގެ އެންމެ ގާތް ހުޅަނގުގެ ޤައުމުތަކުން ވެސް އެމެރިކާއާ ފެއަށް ޖެހެމުންދާ ވަގުތެއްގައެވެ. ކުރީގައި އެއްވެސް ޝަރުތެއްނެ ތި އެމެރިކާ އަށް އެއްބާރުލުން ދިން ބައިވެރިން ވެސް އެމެރިކާ ދެކެ ފޫހިވެ އެމެރިކާއާ އެއްބައިވުމަށް ފާޅުގައި ދެކޮޅު ހަދަމުން ވަގުތެއްގަ އެވެ.

އެމެރިކާގެ ރައީސް އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާތީ އެމެރިކާ އަށް އެންމެ ބޮޑަށް ވާގިވެރިވާ، ނުވަތަ އެމެރިކާއާ އެއް ވިސްނުމެއްގައި ތިބި ޤައުމުތަކުން ވެސް އެމެރިކާއަށް މިހާރު އިތުބާރު ނުކުރާކަން މި ހަނގުރާމައިން ވަނީ ސާބިތުވެފަ އެވެ. މިކަންކަމުގެ ސަބަބުން އެމެރިކާ ދަނީ ދުނިޔޭގައި އެކަހެރިވެ ބާކީ ވަމުންނެވެ. ދުނިޔޭގެ ކުރިމަތީގައި މިހާރު އެމެރިކާ ވަނީ ފަލީހަތްވެފަ އެވެ. މި ހިނގުރާމައިގައި އެމެރިކާ އާއި އިޒުރޭލު ލަދު ގަންނުވާލައި އީރާނުން މިވަނީ ބޭޒާރުކޮށްލާފަ އެވެ. އިޒުރޭލުގެ ވެރިރަށް ތެލްއަވީވް ސުންނާފަތިކޮށްލައިފި އެވެ.

އެ ޤައުމުގެ އެންމެ އިސްވެރިން ޣައިބު ވެއްޖެއެވެ. އެއް ބަޔަކު މަރަުވެއްޖެއެވެ. ނޫނީ ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މެދުއިރުމަތީގެ 7 ޤައުމެއްގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 200 އަށްވުރެ ގިނަ ސިފައިންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބި އެތައް ބަޔަކު މަރުވެފައެވެ. ބޮންއަޅާ ބޯޓުފަހަރާއި ވައިގެތެރޭގައި ތެޔޮއަޅާ ބޯޓުފަހަރު ވައްޓާލައި އަދި ފޮރުވާފައި ހުރި ތަންތަން ފުނޑާލާ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މިހާރު އީރާނުން މުޅި މެދުއިރުމަތީގެ ކޮންޓްރޯލް ނަގައި ބޭނުން ކޮންމެ ވަގުތަކު މެދުއިރުމަތީގެ ކޮންމެ ޤައުމެއްގެ ކޮންމެ ތަނަކަށް ހަމަލާ ދެވޭވަރަށް މެދުއިރުމަތީގައި އެމެރިކާގެ ބާރު ވަނީ ކަނޑުވާލާފައެވެ. އެމެރިކާގެ މަނަވަރުތައް ވަނީ ލިބުނު ބޮޑެތި ގެއްލުންތަކާއެކު އިރާނާ ފެއަށް ޖައްސާފައެވެ. އީރާނުން އިޒުރޭލަށް ދޭ ހަމަލާތަކުގެ ނުރައްކާތެރިކަން ދަނީ ބޮޑުވަމުންނެވެ. އިޒުރޭލުގެ ުަޔަހޫދީން އަނިޔާވެރި ވެރިންނާއި އާންމުން ސަލާމަތްވުމަށް ވަދެތިބޭ ބަންކަރުތައް ވެސް އީރާނުން މިހާރު ދަނީ ގޮއްވާލައި ހަމަލާ ދެމުންނެވެ.

މި ހިސާބަށް ހަނގުރާމަ ދިއުމުން އެމެރިކާއިން މަސައްކަތް ކުރަމުން އެދަނީ މި ހަނގުރާމައިން ނިކުންނާނެ ގޮތެއް ހޯދާށެވެ. ޢަރަބި ޤައުމުތަކާއި މުޅި ދުނިޔޭގައި ވެސް އެމެރިކާއިން ދަނީ އީރާނަށް ހަނގުރާމަށް ހުއްޓާލުމަށް ބާރު އެޅުމަށް އާދޭސް ކުރަމުންނެވެ. އީރާނު ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުކޮށް، މެދުއިރުމަތި ދޫކޮށް ދިއުމަށާއި އީރާނަށް މި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ނުދެނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ބުނަމުންނެވެ. މިހާލަތުގައި އެމެރިކާ ގޮތް ހުސްވެފައިވާތީ، އެމެރިކާއިން ފޯލްސް ފްލެގު ހަމަލާއެއް ދީފާނެ ކަމަށް ދިރާސާވެރިން ވެސް ގަބޫލުކުރެ އެވެ.

އެމެރިކާ އިން 1964 ވަނަ އަހަރު ފޯލްސް ފްލެގު ހަމަލާއަކަށްފަހު ވިއެޓްނާމު ހަނގުރާމަ ރަސްމީކޮށް އެމެރިކާއިން ފަށައިގަތެވެ. އަދި ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނައިން އިލަވަން ހާދިސާއަކީ އަފްޣާނިސްތާނަށް އަރައިގަތުމަށް އެމެރިކާ އިން ދިން ފޯލްސް ފްލެގު ހަމަލާއެކެވެ.

މިފަދަ ހަމަލާއެއް ދިނުމަށް ފަހު އޭގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ކެމިކަލް ނުވަތަ ނިއުކްލިއާ ހަތިޔާރުގެ ބޭނުން އެމެރިކާއިން ކޮށްފިނަމަ އީރާނުން އޮތީ އެފަދަ ހަނގުރާމައަކަށް ވެސް ތައްޔާރަށް ކަމަށް ދިރާސާވެރިން ބުނެއެވެ. ފަނާކުރަނިވި ހަތިޔާރުގެ ހަނގުރާމައެއް ފެށިއްޖެނަމަ އީރާނު ސުންނާފަތި ވާނީ އިޒުރޭލާއި ވަށައިގެން ތިބި ޤައުމުތަކާ އެކުގައިކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރެ އެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.