އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ދެވަނަ ޕްރޮޖެކްޓެއް ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އިއުލާންކޮށްފި އެވެ.
އޭނަގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެޗްއާރްއެކްސް އިން މަޝްހޫރު ސްޓްރީމްޕްލެޓްފޯމާ ގުޅިގެން ހަދަން މިއަދު އިއުލާންކުރި ދެވަނަ ޕްރޮޖެކްޓަކީ "މެސް" ކިޔާ ކޮމެޑީ ސީރީޒެކެވެ. ސޮޑާ ފިލްމު ލެބްސް އިން ވެސް ހިއްސާވާ ޕްރޮޖެކްޓަކީ އޯސީޑީ ހުންނަ ފިރިނެނެއްގެ އާންމު ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ މަޖާ ކަންކަން ދައްކުވައި ދޭނެ ސީރީޒެކެވެ.
ނަމަވެސް "މެސް" ގެ ޑައިރެކްޓަރާއި ކާސްޓުންނަކީ ކޮބައިލަން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފައިވެ އެވެ.
އެމެޒޯން ޕްރައިމާ ގުޅިގެން ރިތިކް ހަދަން އިއުލާންކުރި ފުރަތަމަ ޕްރޮޖެކްޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިއުލާންކުރި ސީރީޒް "ސްޓޯމް" އެވެ.
އަޖިތުޕަލް ސިންގް ޑައިރެކްޓްކުރާ މި ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ އަލާޔާ ފަރްނީޗަރުވާލާ އާއި ޝްރިޝްތީ ސްރިވާސްތާވް އާއި ރާމާ ޝަރުމާ އާއި ޕާރްވަތީ ތިރުވޮތޫގެ އިތުރުން ރިތިކްގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދެވެ.