ތެލުގެ ދަތިކަން ކުރިމަތިވެފައިވާތީ ހަރަދު ކުޑަކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ސްރީ ލަންކާގެ ރަސްމީ މަސައްކަތުގެ ދުވަސްތަކުގެ އަދަދު 4 އަށް މަދުކޮށްފި އެވެ.
އެ ގައުމުގެ ސަރުކާރުން މި ގެނައި ބަދަލާ އެކު ކުރިން ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި އޮތް ބުދަ ދުވަސް މާދަމާ އިން ފެށިގެން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރުން ބުނީ މިފަދަ ބަދަލެއް މި ވަގުތު ގެންނަން ނިންމީ ތެލުގެ ދަތިކަން ކުރިމަތިވެފައިވާތީ ދަތުރުފަތުރަށް ޖެހޭ ހޭދަ މަދުކުރުމުގެ ގޮތުން ކަމަށެވެ. ސަރުކާރުގެ މަސައްކަތުގެ ދުވަސް ފަހަކުން ހަތަރު ދުވަހަށް މަދުކުރުމާ ގުޅިގެން ލަންކާ ކޮމިޝަނާ ޖެނެރަލް އޮފް އެސެންޝަލް ސާވިސް ޕްރަބަތު ޗަންދުރަކީރްތީ ވަނީ ޕްރައިވެޓް ސެކްޓަރުން ވެސް މި ބަދަލަށް އަމަލުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
މި ބަދަލާ ގުޅޭ ގޮތުން ލަންކާގެ ރައީސް އަނޫރަކުމާރަ ޑިސަނަޔަކެ ވިދާޅުވީ ހާލަތަށް ރިއާޔަތްކޮށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި މިފަދަ ބަދަލުތަކަށް ތައްޔާރަށް ވެސް ތިބެން ޖެހޭ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު ވެސް އުފުލި އަދި އެ ބާވަތްތައް ލިބުން ވެސް ދަތިވެފައިވާ މި ދަނޑިވަޅުގައި ލަންކާ އިން ހަކަތަ އަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތުގެ ދުވަސްތައް ހަތަރަކަށް ބަދަލުކުރި އިރު، އެ ގައުމަކީ 2022 އިން ފެށިގެން މާލީ، އިގްތިސާދީ ތާށިކަމެއްގެ ތެރޭގައި ވެސް އޮތް ގައުމެކެވެ.
މިދިޔަ އަހަރު ލަންކާ އަށް ކުރި ވިއްސާރައިގައި ވެސް ފެންބޮޑުވެ، އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިފައިވެ އެވެ.