އީރާން ސުޕްރީމް ނެޝަނަލް ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލައިފި ކަމަށް، އިޒްރޭލުން މިއަދު ބުނެފި އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓުޒް ބުނީ ލަރިޖާނީ އަވަހާރަވީ ރޭ ދިން ހަމަލާތަކެއްގައި ކަމަށެވެ. ނަމަވެސް އީރާނުން އެކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އާންމުންގެ ތެރެއިން ލަރިޖާނީ ފަހުން އޭނާ ފެނުނީ މިދިޔަ ހުކުރުދުވަހު ފާހަގަކުރި ގުދުސް ޑޭގަ އެވެ. ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ގުދުސް ޑޭގައި އީރާނުގެ ބައެއް ވެރިންނާ އެކު އޭނާ ވެސް އެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
ލަރިޖާނީ އަކީ އީރާންގެ ސިޔާސީ ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އިރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ވެސް މީގެކުރިން ކުރައްވާފަ އެވެ.
ލަރިޖާނީގެ އަވަހާރަކޮށްލައިފިނަމަ އެއީ މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އެންމެ އިސް މީހަކަށް ވާނެ އެވެ.