ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން އަމަލުކުރަނީ ގާނޫނާއި އެއްގޮތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓެކެވެ.
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، ދެ މަޤުޞަދެއް ޙާޞިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށާއި އެގޮތުން، އެންމެ ފުރަތަމަ މަޤުޞަދަކީ، ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ކަމަށްވާއިރު ދެވަނަ މަޤްޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުން ކަމަށް ބަޔާނުގައިވެ އެވެ.
ޤާނޫނުއަސާސީއިން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީޤުކޮށް ޢަމަލުކުރަންފެށޭނެ އިޞްލާޙުތަކެއް ނޫން ކަމަށާއި އެގޮތުން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީޤުކުރުމުން ކަމަށާއި، 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓާއި ގުޅިގެން "ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލު ކަމަށާއި
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިޞްލާޙު ކުރުމަށްޓަކައި، ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުން ކަމާއި އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިޞްލާޙުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ތަޢާރަފުކުރާ އުޞޫލަށް ޢަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ޤާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވީކަމަށް ބެލެވޭނެ ކަމަށާއި މިކަން މިނޫންގޮތަކަށް މާނަކުރުމަކީ ޤާނޫނީ އަދި ދުސްތޫރީ އުޞޫލުތަކާ ތައާރަޞްވާނެކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
"ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ،" ބަންޑަރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.