Last Updated: June 5, 10:59
Friday, June 5, 2026
ރިޕޯޓް

ބައެއް ސުންނަތް ރޯދަތަކުގެ ހުކުމްތައް

ސުންނަތް ރޯދައެއް ހިފަން ފެށުމަށް ފަހު، އެ ރޯދަ މެދުކަނޑާލުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟

އަޅުކަމެއް ފަށައިފި މީހަކަށް އެންމެ އައުލާކަން ބޮޑުވެގެންވަނީ އެ އަޅުކަމެއް ފުރިހަމަކުރުމެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ‎﴿وَلَا تُبْطِلُوا أَعْمَالَكُمْ ﴾‏ (سورة محمد 33) މާނައީ: "އަދި ތިޔަބައިމީހުންގެ އަމަލުތައް ބާޠިލު ނުކުރާށެވެ." ނަމަވެސް، ސުންނަތް ރޯދައެއް ހިފަން ފެށުމަށްފަހު، އެ ރޯދަ ދޫކޮށްލަން ޖެހިއްޖެ މީހަކަށް އެކަން ކުރުމުގައި ކުށެއް ނެތެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެ ރޯދަ ޤަޟާކުރުން ވާޖިބެއް ނުވާނެއެވެ.

ފިރިމީހާގެ ހުއްދަ ނެތި އަންހެނަކަށް ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟

ފިރިމީހާ ގާތުގައި ހުރިނަމަ، އޭނާގެ ހުއްދަ ލިބިގެން މެނުވީ އަންހެނަކު ސުންނަތް ރޯދަ ހިފުމަކީ ހުއްދަ ކަމެއް ނޫނެވެ.

ހަމައެކަނި ހުކުރު، ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު ރޯދަ ހިފުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ސުންނަތް ރޯދައެއްގެ ގޮތުގައި، ހަމައެކަނި ހުކުރު ދުވަހު، ނުވަތަ ހަމައެކަނި ހޮނިހިރު ދުވަހު، ނުވަތަ ހަމައެކަނި އާދީއްތަ ދުވަހު ރޯދަ ހިފުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް، ހުކުރު ދުވަހާ އެކު އޭގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ޙުކުމަކީވެސް މިއީއެވެ. އަދި ހުކުރު، ހޮނިހިރު އަދި އާދީއްތަ މި ތިން ދުވަހު އެކުގައި ރޯދަ ހިފާނަމަ އެކަން މަކކުރޫހައެއް ނުވާނެއެވެ.

މީގެ އިތުރުން، ސުންނަތްވެގެންވާ ދުވަހެއް (މިސާލަކަށް ޢަރަފާތް ދުވަސް ނުވަތަ ޢާޝޫރާ ދުވަސް) މި ދެންނެވި ދުވަސްތަކުން ދުވަހަކާ ދިމާވެގެން، ހަމައެކަނި އެ ދުވަހު ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ނޫނެވެ.

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެ އެވެ.

(مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوّالٍ، كانَ كَصِيامِ الدَّهْرِ) (صحيح مسلم (١١٦٤))

މާނައި: "ރަމަޟާން މަހު ރޯދަހިފުމަށްފަހު، އެއާ ވިދިގެން ޝައްވާލު މަހުގެ ހަ ދުވަހު ރޯދަހިފި މީހާ، މުޅި އަހަރު ދުވަހު ރޯދަހިފި ފަދައެވެ."
އެއީ ރަމަޟާން މަހުގެ ރޯދައިގެ ދަރުމައަކީ ދިހަ މަސްދުވަހުގެ ރޯދައިގެ ދަރުމަ ކަމަށްވެފައި، ޝައްވާލު މަހުގެ ހަ ދުވަހުގެ ރޯދައަކީ ފަސްދޮޅަސް ދުވަހުގެ (ދެ މަސް ދުވަހުގެ) ރޯދަ ކަމަށްވާތީއެވެ. އެހެންކަމުން، މިއީ މުޅި އަހަރުދުވަހުގެ ރޯދަ ފުރިހަމަވުމެވެ.

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް އާދަވެފައިވާ މީހާ، ކޮންމެ އަހަރަކު އެ ރޯދަ ހިފުން ވާޖިބުވާނެ ހެއްޔެވެ؟

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް އާދަވެފައިވާ މީހާގެ މައްޗަށް ކޮންމެ އަހަރަކު އެ ރޯދަ ހިފުން ވާޖިބެއް ނޫނެވެ. ނަމަވެސް، ހެޔޮ އަމަލެއް ކުރުމަށް އާދަވެފައިވާ މީހާ، ކުޅަދާނަކަން ލިބިގެންވާހާ ހިނދަކު އެ ޢަމަލެއް ދޫކޮށްނުލުމަކީ އެދެވިގެންވާ ކަމެކެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.