މި އަހަރުގެ ޑިސެންބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ 'ކިންގް' އަށް ފަހު، ބޮލީވުޑްގެ ތަރި ޝާކްރުކް ޚާން ދެން ކުޅޭނީ ވަރަށް ހިތްގައިމު ލޯބީގެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން އެ ފިލްމު ޝާހްރުކަށް ހުށަހެޅުމާ ގުޅިގެން އެއަށް އެއްބަސްވާން ނިންމާފައިވާ ކަމަށެވެ. އެކަމަކު ރަސްމީކޮށްއެ ފިލްމަށް އޭނަ ސޮއިކުރާނީ މި އަހަރުހެ ޖޫން ހިސާބުގައި ކަމަށް އެ ނޫހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ޕްރޮޑަކްޝަން ހައުސްއަކުން ހަދަން ނިންމާފައިވާ ކާކު، ޑައިރެކްޓްކުރާ ފިލްމެއް ކަމެއް ޕިންކްވިލާ އިން ހާމައެއް ނުކުރެ އެވެ.
އިތުބާރު ހުރި ފަރާތްތަކާ ހަވާލާދީ އެ ނޫހުން އާ ފިލްމުގެ ޝޫޓިން ޝާހްރުކް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ/ފެބްރުއަރީ ހިސާބުގައި ކަމަށެވެ.
އޭނަ ދެން ކުޅޭނީ ލޯބީގެ ފިލްމެއްކަމުގެ ވާހަކަ ދެކެވެން ފެށީ އިރު، ޑައިރެކްޓަރު ފަރާ ޚާން ވަނީ ޝާހްރުކާ އެކު ފިލްމެއްގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށާކަމުގެ އިޝާރާތެއް ދާދި ފަހުން ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ ޑައިރެކްޝަނަށް ނުކުތް ޝާހްރުކްގެ 2004 ގެ 'މޭ ހޫ ނާ' ގެ ސީކްއެލް އެވެ.
ޝާހްރުކް ލޯބީގެ ފިލްމަކުން ފެނިދާނެކަމުގެ ވާހަކަތައް ދެކެވެން ފެށި އިރު، އޭނަ އަކީ ވަރަށް ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކެވެ. އޭގެ ތެރޭގައި ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި 'ކުޗް ކުޗް ހޯތާ ހޭ' އާއި 'ދިލް ތޯ ޕާގަލް ހޭ' އާއި 'ޗަލްތޭ ޗަލްތޭ' އާއި 'ދޭވްދާސް' އާއި 'މުހައްބަތޭ' އަދި 'ވީރް-ޒާރާ' ފާހަގަކޮށްލެވެ އެވެ.
އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ޝާހްރުކްގެ 'ކިންގް' ރިލީޒްކުރާނީ މި އަހަރުގެ ޑިސެންބަރު 24 ގަ އެވެ. މި ފަހުން ރިލީޒްވި އޭނަގެ އެންމެ ކާމިޔާބު ފިލްމުތަކަކީ ވެސް އެކްޝަން ތުރިލާތަކެވެ. އެއީ 2023 ގެ 'ޕަތާން' އާއި 'ޖަވާން' އެވެ.