Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ޒުވާނުން ދީނީ ކަންކަމަށް ހޭލުންތެރި ކުރުވާނަން

އައްޑޫ ސިޓީގެ ޒުވާނުން ދީނީ ކަންކަމަށް ހޭލުންތެރި ކުރުވާނެ ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި މުޝްރިފް ވިދާޅުވީ އައްޑޫގެ މިސްކިތްތަކުން ޒުވާނުން ފެނުން މަދުވާ އެއް ސަބަބަކީ ޒުވާނުންގެ މެދުގައި ދީނީ ކަންކަމަށް ހުރި ހޭލުންތެރިކަން ކޮންމެވެސް ވަރަކަށް ދަށްވުމުން ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކައުންސިލަށް އިންތިހާބުވެއްޖެ ނަމަ އައްޑޫގެ ޒުވާނުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވައި، ދީނީ ކަންކަމަށް ލޯބި ޖެއްސުމަށް އެތައް ކަމެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"މިސްކިތްތަކަކީ ޒުވާނުންނާއެކު ނޫނީ އައްޑޫ ރައްޔިތުންނާއެކު ފުރި ބާރުވެފައިވާ ތަނަކަށް އަހަރުމެން ހަދާނަން،" މުޝްރިފް ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލަށް އިންތިހާބުވެއްޖެ ނަމަ އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، މިސްކިތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް މުޝްރިފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ކުރަމުން އަންނަނީ "ގްރޭޓާ އައްޑޫ" ގެ ޝިއާރުގެ ދަށުންނެވެ.