ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ވެސް ތާއީދުކުރުމަށް ނިންމައިފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އަދާލަތު ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު، ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، "ފެންނަ ކަމަށް" ވޯޓު ދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލުކުރަން ސުޕްރީމް ކޯޓަށް ގާނޫނީ ވަކީލުންތަކެއް ވަނީ މައްސަލައެއް ވައްދާފަ އެވެ. އަދި އެކަމާ ދެކޮޅަށް މި މަހުގެ 21 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.