Last Updated: June 7, 06:04
Sunday, June 7, 2026
ކުޅިވަރު

ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯ އަށް ދީފި

އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގެ ތެރެއިން ސެނެގާލް ދަނޑުން ފޭބި މައްސަލަ ބަލައި ނިންމުމަށްފަހު، މޮރޮކޯއަށް ޗެމްޕިއަންކަން ދޭން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމައިފި އެވެ.

މޮރޮކޯއާއި ސެނެގާލް ވާދަކުރި މިއަހަރު އެފްކޯންގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ މޮރޮކޯއަށް ދިން ޕެނަލްޓީއެއްގެ ސަބަބުން އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފަ އެވެ. ނަމަވެސް ސެނެގާލްގެ ކެޕްޓަން ސަޑިއޯ މާނޭ ފަހުން ވަނީ ކުޅުންތެރިންނާއި ވާހަކަ ދެއްކުމަށްފަހު މެޗުގެ ބާކީބައި ފުރިހަމަ ކުރަން ކުޅުންތެރިން ދަނޑަށް އަރުވާފަ އެވެ.

އެ މައްސަލައިގައި ކުރިން ކާފްއިން ވަނީ ސެނެގާލް ކޯޗު ޗާއޯ ސަސްޕެންޑް ކޮށް ޖޫރިމަނާ ކޮށްފަ އެވެ. އަދި އެ މައްސަލައިގައި ނަތީޖާ އަނެއްކޮޅަށް އަނބުރާލަން ނިންމީ މޮރޮކޯއިން ކާފްގެ އެޕީލް ބޯޑުގައި މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

އެޕީލް ބޯޑުން މުބާރާތުގެ ގަވާއިދުގެ ގިނަ މާއްދާތަކަކަށް ރިއާޔަތް ކުރުމަށްފަހު ނިންމާފައި ވަނީ ސެނެގާލް މެޗު ދޫކޮށްލި ކަމަށެވެ. އެހެންކަމުން އެމެޗުގެ ނަތީޖާއަކީ މޮރޮކޯ 3-0 އިން މޮޅުވުން ކަމަށް ނިންމާފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން ސެނެގާލްގެ ފުޓުބޯޅަ އިދާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.