ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް-8 ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
އެކަމަށްޓަކައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު ޕޮލިސް އަޙްމަދު ޝަމީމެވެ.
މިދިޔަ މަހުގެ 15 އިން މި މަހުގެ 14 އަށް ތިނަދޫގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ސްޕެޝަލް ކޮންސްޓަބުލަރީ 18 ފުލުހުންގެ ތެރެއިން 16 ފުލުހަކު ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެން ފުލުހުންނާއި ހަ އަންހެން ފުލުހެކެވެ.
ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް މުޙައްމަދު މަންނާހު ސަދޫގެވެ.
ކޯހުގައި، ސްޕެޝަލް ކޮންސްޓަބުލަރީ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި، މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދީފައިވެއެވެ. އެގޮތުން، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނަސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަ ކޮންޓްރޯލާ، ލޯ، ކޮމިއުނިކޭޝަން ސްކިލްސް، ޕްރޮފެޝަނަލް އެތިކްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ފަދަ ބައިތައް އުނގަންނައި ދީފައިވެ އެވެ.
މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންމެ މުވައްޒަފަކު ފުރިހަމަ ކުރުމަށް، ސްޕެޝަލް ކޮންސްޓަބުލަރީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާއްސަ ތަމްރީނެކެވެ.