މި ސަރުކާރުން އިއުލާންކުރި އައްޑޫ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވި އޮތީ އައްޑޫ ސިޓީ ކައުންސިލްގެ ހުރަސްއެޅުންތަކާ ހެދި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެ މަޝްރޫއަކީ ޓޫރިޒަމް މިނިސްޓަރަކަށް އިބްރާހީމް ފައިސަލް ހުންނެވި އިރު، ފެބްރުއަރީ 22، 2024 ގައި އިއުލާންކުރި މަޝްރޫއެކެވެ.
އެގޮތުން އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނުގެ ދަށުން އައްޑޫގައި ޓޫރިޒަމްގެ 6،000 އެނދު ގާއިމުކުރުމާ އެކު 10،000 ވަޒީފާ އުފައްދަން ހިމަނާފައިވެ އެވެ. އެ ޕްލޭނުގައި މި ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސީ ޕްލޭން ހަބެއް ގާއިމުކުރުމަށް ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން ޕްލޭނުގެ ދަށުން އައްޑޫގައި ކަލްޗަރަލް ވިލެޖަކާއި ހޮސްޕިޓާލިޓީ ސްކޫލެއް ވެސް ގާއިމުކުރަން އޮތީ ނިންމައިފަ އެވެ.
މިނިސްޓަރު ތޯރިގް އެމްއެމްޓީވީގައި ވިދާޅުވީ އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއަށް ބޭނުންވާ ބިން ސަރުކާރުން ހަމަޖައްސާފައިވާ އިރު ބިން ވަކިކޮށް ދިނުމަށް އެދި އެތައް ފަހަރަކު ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެކަން ކޮށް ދީފައި ނުވާ ކަމަށެވެ.
"މިހާރު ދެތިން ހަފްތާއެއް ވެގެން މި ދިޔައީ. ބިން ވަކި ނުކޮށްދިންތާ ޖަވާބެއް ވެސް ނުދީ. މިކަހަލަ އުނދަގޫތައް މި އަންނަނީ. މިއީ ހަމަ ރައްޔިތުންނަށް ފަސޭހައަކަށް ކޮށްދެން ސަރުކާރުން އުޅޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "މިކަން ކުރަން ރައީސް ބިން ހަމަޖެއްސެވީމަ އެ ބިން ވަކި ނުކޮށްދީގެން މި އުޅެނީ އައްޑޫ ކައުންސިލުން. މިއީ ހަމަ ދިމާވާ ކަމެއް. ރައްޔިތުންނަށް ފައިދާއެއް ވާނެ ކަމެއްގައި ވިއްޔާ އެމްޑީޕީން ހުރަސްއަޅާނެ."
މިނިސްޓަރުގެ އެ ވާހަކަތަކަށް ސޯޝަލް މީޑިއާ ޕޯސްޓެއްގައ ރައްދު ދެއްވައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްސޭރި ޓްއަރިޒަމްގެ ނަމުގައި ސަރުކާރުން ފަށަން ރޭވި މަޝްރޫއު އަކީ ހަރުދަނާ ޕްލޭނެއް އޮވެގެން ކުރަން އުޅޭ ކަމެއް ނޫން ކަމަށެވެ.
އޭނަ ވިދާޅުވީ ގާނޫނަށް ބަދަ ލުގެނެސް ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ލޭންޑް ޔޫޒް ޕްލޭނާ ފުށޫއަރާ ގޮތަށް އައްޑޫގައި ހިއްކާފައިވާ ބިންތަށް ބަނގުރޫޓްވެފައިވާ އެމްޓީޑީސީއާ ހަވާލުކުރަން ނިންމާފައި ވަނީ އައްޑޫން ގޫގުލްއަށް އަށް ބިން ދޭން ނިންމި ގޮތަށް ކަމަށެވެ.
"ކައުންސިލަށް ނުވަތަ އައްޑޫ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭ ގޮތަށް އެމްޓީޑީސީ މެދުވެރިކޮށް ބޭނުން ބަޔަކަށް ބިން ވިއްކާލަން ނުވަތަ ދިނުމަށް،" ނިޒާރު ވިދާޅުވި އެވެ. "މި ބިންތަކަކީ އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމަށް ލިބިފައިވާ އަގުހުރި ވަސީލަތަކަށްވާއިރު މި ބިންތައް އައްޑޫގެ އިގްތިސާދައް ހާއްސަކޮށް ފަތުރުވެރިކަމަށް ފަހިވާ ގޮތަށް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް މަޝްވަރާ ކުރުމަށް ސަރުކާރަށް ގޮވާލަން."
އައްޑޫ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް އެމްޓީޑީސީއާ ސަރުކާރުން ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ. އެ މަޝްރޫއަކީ ރައީސް އައްޑު އަށް ވެވަޑައިގަތް ރިޔާސީ ވައުދެކެވެ.