އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަރިއާގެ އާ ފިލްމުގެ ނަން ވެސް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަޔޫޝްމަން ކްރާނާ އާއި ޝަރްވާރީ ވާގް ލީޑަށް ލައިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 1 ގައި ޝޫޓިން ފެށި ފިލްމުގެ ނަމަކީ 'ޔޭ ޕްރޭމް މޯލް ލިއާ' އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ނަން 'ޔޭ ޕްރޭމް މޯހް މާޔާ ހޭ' އަށް ބަދަލު ކުރުމުގެ މަޝްވަރާތަކެއް މިހާރު ދަނީ ކުރިއަށެވެ.
ބޮލީވުޑްގެ ޙަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން މިކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ވެސް ކުރާނެ ކަމަށެވެ.
މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ ސޫރަޖްގެ އާ ފިލްމަކީ އޭނަގެ ކުރީގެ ފިލްމުތަކާ އެއްގޮތަށް އާއިލީ ހިތްގައިމު ބަދަހި ގުޅުންތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. މީގެ ކާސްޓްގައި އަނޫޕަމް ކޭރް، ޝާދު ރާންދްވާ، ސޯމިއާ ޓަންޑަން އަދި ސުވަނަންދު ކިރްކިރޭ ފަދަ ފަންނާނުން ހިމެނެ އެވެ.
ސޫރަޖަކީ ބޮޑެތި ބްލޮކްބަސްޓާތައް ކަމަށްވާ މޭނޭ ޕިޔާރު ކިޔާ އާއި ހަމް އާޕް ކޭ ހޭ ކޯން އާއި ހަމް ސާތު ސާތު ހޭ އަދި ވިވާ ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ އޫޗާއީ އެވެ.
ސޫރަޖްގެ އާ ފިލްމުގެ ނަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާ އިރު، އޭނަގެ 'ޑާލިން' ސަލްމާން ޚާންގެ އާ ފިލްމު 'ބެޓްލް އޮފް ގަލްވާން' ގެ ނަން މި ހަފުތާގައި ވަނީ 'މާތުރަބޫމީ' އަށް ބަދަލުކޮށްފަ އެވެ.