Last Updated: June 5, 10:59
Friday, June 5, 2026
ދުނިޔެ

ލަރިޖާނީ؛ ގެއްލުނީ ވަރުގަދަ ޝަހުސިއްޔަތެއް

ޑރ. ޢަލީ ލާރިޖާނީ އަކީ އީރާނުގެ އިސް ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއްގެ ނަންފުޅު މީޑިއާގައި އަބަދު އިވޭ ބޭފުޅެކެވެ. މަލްޢޫނު އިޒްރޭލުގެ ޙަމަލައެއްގައި އިއްޔެ ރޭގައި އެމަނިކުފާނާއި އަދި ދަރިކަލުން މުރުތަޟާ ލާރިޖާނީ އާއި އީރާނުގެ ލަޝްކަރުގެ އިސް ކޮމާންޑަރަކާއި އެތައް ގާޑުން ވަނީ ޝަހީދުވެ ވަޑައިގެންފަ އެވެ.

ލާރިޖާނީ އަކީ އީރާނުގެ އިސްލާމީ އިންޤިލާބީ ސަރުކާރުގެ އިސް އެހެން ބޭފުޅުން ފަދައިން ވަރަށް ޢިލްމުވެރި ބޭފުޅެކެވެ. އޭނާޔަކީ ދުނިޔޭގެ ފެންވަރުގެ ފިލޯސަފަރެކެވެ. މިލިޓަރީ ދާއިރާގެ މާހިރެކެވެ. ކުރީގެ ޕާލަމެނަޓްގެ ސްޕީކަރެކެވެ. މިދިޔަ އަހަރުން ފެށިގެން އެމަނިކުފާނު ގެންދެވީ އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުންނެވެ.
ލާރިޖާނީ އަވަހާރަވެ ވަޑައިގަތް ދުވަހުގެ ކުރީ ދުވަހު އިސްލާމީ އުންމަތަށް ވަރަށް އަސަރުގަދަ މެސެޖެއް ދެއްވިއެވެ.

އެ މެސެޖުގައި، އަނިޔާވެރި އިޒްރޭލާއި އެމެރިކާނުން އީރާނަށް އިސްވެ ދިން ޢުދުވާނީ ޙަމަލައިގެ ސަބަބުން އީރާނާއި ކުރިމަތިވީ ނުރައްކާތެރި ވަގުތުގައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އެހީތެރި ވުމުގެ އިސްލާމީ ޒިންމާ އަދާކުރުމުގެ ގޮތުންވެސް އިސްލާމީ އެއްވެސް ގައުމެއްގެ ސަރުކާރަކުން އީރާނަށް އެއްވެސް އެހީތެރި ކަމެއް ނުދިންކަމާއި، ނަމަވެސް އީރާނުން ފެށި މަސައްކަތާއިގެން އީރާން ކުރިޔަށް ދާނޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އަވައްޓެރި ޢަރަބި ގައުމުތަކުގެ ތެރޭގައި އެމެރިކާނުން ގާއިމް ވެގެން ތިބެގެން އީރާނަށް ޙަމަލާ ދޭއިރު އެތަންތާގައި އެމެރިކާނުން ގާއިމް ވެގެން ތިބި ތަންތަނަށް އީރާނުން ޙަމަލާ ދިނުމަކީ މައްސަލަޔަކަށް ވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައި ވެއެވެ. އެމެރިކާއާއި ގުޅިގެން އެއްވެސް މުސްލިމް ގައުމަކަށް ރައްކާތެރި ކަމެއް ނުލިބޭނޭ ކަމާއި އިޒްރޭލަކީ އިސްލާމުންގެ އެންމެ ބޮޑު ދުޝްމަނު ކަމާއި އީރާނަކީ އެއްވެސް އިސްލާމީ ގައުމަކަށް ގެއްލުމެއް ދޭނޭ ގައުމެއް ނޫން ކަމުގައި ވިދާޅު ވެފައިވެ އެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާފައި ވަނީ އިސްލާމީ ގައުމުތައް އެކަތިގަނޑަކަށް ވާން އިލްތިމާސް ކުރައްވަމުންނެވެ.

އިސްލާމީ އުންމަތުގެ މިފަދަ ވަރުގަދަ ލީޑަރުން އަވަހާރަވުމަކީ އަޅުގަނޑުމެން އެކަމާއިމެދު ނުހަނު ހިތާމަ ކޮށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެން އުންމީދުކޮށް ދުޢާ ކުރަނީ އެބޭފުޅުންނަކީ ޝަހީދުން ކަމުގައި ލެއްވުމަށެވެ. އަދި އެބޭފުޅުން ނެތުމުގެ ސަބަބުން އުނިވާ ޖާގަ ފުރުއްވުމަށް އެއަށްވުރެވެސް ރަނގަޅު އަދި ވަރުގަދަ ބޭފުޅުން މެދުވެރި ކުރެއްވުމެވެ.

ލާރިޖާނީ ޝަހީދުވެ ވަޑައިގަތީ ރޯދަ މަހު ރެއެއްްގެ ފަތިސް ވަގުތު އެވެ. އިސްލާމީ އުންމަތުގެ އެންމެ ނުބައި ދުޝްމަނުންނާއި ކުރިމަތި ލައި ކުރެވޭ ބޮޑު ހަނގުރާމައެއްގެ އެންމެ ކުރީ ސަފުގައި އުޅުއްވަނިކޮށް އެ ޙަރުބީ ކާފަރުންގެ އަތުންނެވެ. އެމަނިކުފާނާއި އެމަނިކުފާނާ އެކުގައި ޝަހީދު ވެ ވަޑައިގަތް އެހެން ބޭފުޅުންގެ ފާފަ ފުއްސަވައި، ދަރަޖަ އުފުއްލަވައި ޝަހީދުންގެ ތެރެއިން ލައްވާނދޭވެ! އަދި ނުބައި އިޒްރޭލާއި އެއިގެ އަޢުވާނުން ބަލި ކުރައްވައި އިސްލާމީ އުންމަތަށް އަވަސް ނަޞްރެއްް ދެއްވާނދޭވެ!

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.