އެމެރިކާގެ ބައިވެރިވުމާ އެކު އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެކަމާ ތާއީދު ނުކުރައްވާކަން ހާމަކުރައްވައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ މައި އިދާރާގެ ވެރިޔާ ޖޯ ކެންޓް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނެޝަނަލް ކައުންޓަ-ޓެރަޒިޒަމްގެ ޑިރެކްޓަރު އިސްތިއުފާ ދެއްވީ އިރާނާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ އެވެ. ޖޯ ވިދާޅުވީ އިރާނަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ވެސް ނޫން ކަމަށާއި މި ހަނގުރާމައިގެ އެ ގައުމު ބައިވެރިވީ އިޒްރޭލަށް ވާގި ދިނުމުގެ ގޮތުން ކަމަށެވެ.
"އެކަމަކު މިއީ އެމެރިކާ ކުރަން ޖެހޭ ހަނގުރާމައެއް ނޫން. ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެ ނިންމުމަށް އެއްވެސް ހާލެއްގައި ތާއީދެއް ނުކުރެވޭނެ." ޖޯ ވިދާޅުވި އެވެ.
އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އެމެރިކާ އަށް މިކަމުގައި ވާގި ނުދޭން ވަރަށް ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ވަރަށް ގައުމުތަކެއްގެ ނުރުހުމާއި ފާޑުކިޔުންތައް އެމެރިކާގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.