ރަމަޟާންމަހަކީ ބަރާކާތުން ފުރިގެންވާ އަޅުކަމުގެ މައްސަރެކެވެ. މީސްތަކުން އަޅުކަމުގައި ހީވާގިވާ ދުވަސްވަރެކެވެ. މާތް ﷲ ގެ ރަޙުމަތް މީސްތަކުންގެ މެދުގައި ބައްސަވާ މަހެކެވެ. ބުއްދިވެރިއަކީ އެ ނިޢުމަތްތައް ހޯދުމަށް ގަދައަޅާ މީހާއެވެ. ސަވާބާއި ދަރުމަ ހޯދުމަށް އަވަސްވެގަންނަ އަޅުތަކުންނަށް އުފަލުގެ ކޮޅެއްނެތެވެ. އަލްޣައްފާރުވަންތަ އިލާހުގެ ފުއްސެވުމަށް އެދި ދުޢާކުރާ އަޅުތަކުންނީ ﷲ ގެ ރަޙުމަތުން ތަޤުވާވެރިންނެވެ. އެބައިމީހުންގެ މަންޒިލަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ފުރިހަމަ ތަނެކެވެ.
ކީރިތި ޤުރުއާނުގެ އާލްޢިމްރާން ސޫރަތުގެ 133 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾
މާނައީ: “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.”
ލޮބުވެތި އަޚުންނޭވެ! އެ ތަނަވަސް ސުވަރުގެ ތަކަށް ދިއުމަށް ހަމައެކަނި ރަމަޟާންމަހު އަޅުކަންކޮށްގެން ފަރުޖެއްސޭކަށްނެތެވެ. މަރު ތިބާއާއި ބައްދަލުކުރަންދެން އަޅުކަމުގައި ހީވަގި ވާންވާނެއެވެ. މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވި ޙަޤީޤީ މަޤްޞަދު އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. މުލްކު ސޫރަތުގެ 2 ވަނަ އާޔަތުގައިވެއެވެ.
﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ﴾
މަނައީ: “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”
އެހެންކަމުން އަބަދުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިހުންނަންވާނެއެވެ. ޚާއްސަކޮށް ސަވާބާއި ދަރުމައިގެ ގޮތުން މާތް ވެގެންވާ ދުވަސްތަކުގައި އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެއެވެ. މިގޮތުން، ރަމަޟާން މަހާއި ވިދިގެން އަންނަ ޝައްވާލުމަހުގައި ވެސް ރަނުގެ ފުރުޞަތެއްވެއެވެ. އެ މަހުގައި 6 ރޯދަ ހިފުމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
“من صام رمضان ثم أتبعه بست من شوال كان كصيام الدهر” (رواه مسلم).
މާނައީ: “ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދަ އެވެ.”
މަސްދަރު: އިލްމު.އެމްވީ