Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފެހި ނަންބަރު ބޯޑު ހަރުކުރަން ދެ މަހުގެ މުއްދަތެއް

ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ނުވަތަ އީވީ ވެހިކަލްތައް ފެހި ކުލައިގެ ނަންބަރު ބޯޑަށް ބަދަލުކުރަން 60 ދުވަހުގެ މުހުލަތެއް ދީފިއެވެ.

އީވީ ވެހިކަލްތަކަށް ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ނިންމާފައިވާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމަށާއި ކޮޕް29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަަމަށެވެ.

އަދި މިއީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެންނަ ހަތްވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ބޯޑެއް ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އާ އިސްލާހުގައިވާ ގޮތުން އިލެކްޓްރިކް ވެހިކަލް ކަމަށް ބުނެފައި ވަނީ ޕެޓްރޯލް ނުވަތަ ޑީސަލްގެ ބަދަލުގައި ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުންކޮށްގެން ދުއްވާ ކޮންމެ އުޅަނދެއްކަމަށެވެ. ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބޯޑު ހުންނަންވާނީ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ ކުލައިގެ އަކުރުން ލިޔެފައިކަމަށާއި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބޯޑު ހުންނަންވާނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.