މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގަ އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނެއް ކަމަށެވެ.
ރޯވި ގުދަނަކީ ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް އެއްނުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާގައި ދުމުގެ އަސަރު ކޮށް ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.