Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއި ކުރުން މެދުކަނޑާލައިފި

މާލޭގެ މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ. އަަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެ އެވެ.

މީގެއިތުރުން އެކޮމިޝަނުން ބުނީ އިންތިހާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި މިހާރު އިންތިހާބާ ބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގަ އެވެ.