މާލޭގެ މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގަ އެވެ.
އެންޑީއެމްއޭ އިން ބުނީ ރޭ 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރެވުނު ކަމަށާއި މިއީ 69 އަންހެނުންނާއި 385 ފިރިހެނުން ކަމަށްވާއިރު މީގެތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭ ކަމަށެވެ.
އަދި ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް މި އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ކަމަށާއި 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުން ހަވާލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މީގެއިތުރުން ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވާއިރު، މި 15 ގެ ވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ. މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާދެވުނުއިރު މި ހުރިހާ ފަރާތްތަކެއްގެ ވެސް ހާލު ރަނގަޅު ކަމަށް އެ އިދާރާއިން ބުނެ އެވެ.