Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ތެލުގެ ކެޕޭސިޓީ ހުރި މިންވަރު ހާމަކުރަން ގޮވާލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) - ފޮޓޯ: އެމްޑީޕީ

ރާއްޖޭގައި ތެލުގެ ކެޕޭސިޓީ ހުރި މިންވަރު ސަރުކާރުން ހާމަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީގެ ކެންޑިޑޭޓުން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ތެލުގެ ސްޓޯރޭޖް ކެޕޭސިޓީ ހުންނާނީ 24 ދުވަހަށް ކަމަށާއި ދެ ހަފްތާތެރޭ ބޯޓެއް ނުވައްދެއްޖެ ނަމަ އެ ކެޕޭސިޓީ 15 ނުވަތަ 10 ދުވަހަށް ވެއްޓޭނެ ކަމަށެވެ.

"މި ވާހަކަތައް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ. އޮޅުމެއްގެ ތެރޭގައި، ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާކަށް ނުވާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ތެލުގެ ސްޓޯރޭޖް ކެޕޭސިޓީ ހުރި މިންވަރު އާންމުކޮށް ފެންނަން އެބަހުރި ކަމަށާއި ނަމަވެސް ރާއްޖޭގައި އެ ކެޕޭސިޓީ ހުރިވަރު އެނގެން ނެތް ކަމަށެވެ.

"އެކަން ވެސް ސިއްރުކޮށްގެން ރައްޔިތުންނަށް އޮޅުވާލައިގެން މި ގެންދަނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވި އިރު ރައްޔިތުންނަށް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް މިވަގުތުވެސް ކާޑުވެސް އެބަހުރި ކަމަށާއި އެކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވަނީ ނިންމާފަ އެވެ.