ފާއިތުވި ދެ އަހަރު ހޯމް މިނިސްޓްރީން އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރި ކަންކަން މޭޔަރު އަލީ ނިޒާރަށް ނޭނގުމުން، ހޯމް މިނިސްޓަރު އަލީ އިހުސާން ފާޑު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން އައްޑުއަށް ފާއިތުވި ދެ އަހަރު ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލުކޮށް ނިޒާރު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވަނީ މިދިޔަ ދެ އަހަރު ހޯމް މިނިސްޓްރީން އައްޑުއަށް ހާއްސަކޮށްގެން ކުރި 17 ކަމެއް ހާމަކޮށްފަ އެވެ. އެ ކަންކަމަކީ:
1. އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހުއްޓިފައިވަނިކޮށް ހިތަދޫގައި އެ ޚިދުމަތް އަލުން ފަށައި ފޭދޫގައި އަލަށް ޚިދުމަތް ފެށުން
2. ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހިތަދޫ އަދި ފޭދޫގައި ފެށުން
3. އައްޑޫ ސިޓީގައި އުޅޭ 2500 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސްނެގި ފިންގަރޕްރިންޓް އަދި ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކާކުކަން ކަށަވަރުވާނެ ގޮތަށް ނިޒާމު ޤާއިމުކުރުން
4. ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގި 678 ބިދޭސީންނާއި ސުވާލުކުރެވި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 83 ފަރާތް ޑިޓެއިން ކުރެވުނު
5. މަރަދޫގައި ހަދަމުންދިޔަ ކަސްޓަމްސްގެ ރީޖަނަލް ހެޑް އޮފީހުގެ މަސައްކަތް އަވަސްކުރެވި އިމާރާތް ހުޅުވައި ސަރަހައްދުގެ ކަސްޓަމްސްގެ ޚިދުމަތްތައް އަވަސްކުރެވުނު.
6. ހިތަދޫގައި ހަދަމުންދިޔަ ޕޮލިސް އެކޮމޮޑޭޝަންގެ އިމާރާތުގެ މަސައްކަތް އަވަސްކުރެވި މާރޗް 30 ވަނަ ދުވަހު ހުޅުވޭނެ
7. ފޭދޫގައި ހަދަމުންދިޔަ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާރޒްގެ މަސައްކަތް އަވަސްކުރެވި މި އަހަރު ޖޫން މަހު ހުޅުވޭނެ.
8. ހިތަދޫގައި ހަދަމުންދާ އިމިގްރޭޝަންގެ އިމާރާތުގެ މަސައްކަތް އަވަސްކުރެވި މިއަހަރު އޮކްޓޯބަރ މަހުގެ ކުރިން ހުޅުވޭނެ.
9. އައްޑޫ ސިޓީ ހިތަދޫގައި އަލަށް ޤާއިމު ކުރަން ފެށުނު ފުލުހުންގެ އިމާރަަތް މިއަހަރު ނިންމައި ޚިދުމަތްދޭން ފެށޭނެ
10. މަރަދޫގައި ބިންގާ އެޅުނު ފުލުހުންގެ އިމާރާތުގެ މަސައްކަތް ޖޫން މަހު ފެށިގެންދާނެ އަދި އަންނަ އަހަރު މެދުތެރޭ ޚިދުމަތްދޭން ފެށޭނެ
11. އައްޑޫ ސިޓީ ކައުންސިލުން ދެމުންދާ 15 ޚިދުމަތެއް “ވަންގަވް” މެދުވެރިކޮށް އޮންލައިންކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުނު
12. 2023 ވަނަ އަހަރު އައްޑޫ ސިޓީގައި ތިބި ކޮލިފައިޑް ޕޮލިސް އޮފިސަރުންގެ އަދަދު 2025 ވަނަ އަހަރު ވަނީ 19 އިންސައްތަ އިތުރުކުރެވިފަ
13. 2023 ވަނަ އަހަރާއި ކޮމްޕެއަރ ކުރާއިރު އައްޑޫ ސިޓީގައި ގޭންގް / ގުރޫޕް ހަދައިގެން ހިންގި މާރާމާރީގެ އަދަދު 2025 ވަނަ އަހަރު ވަނީ 72 އިންސައްތަ މަދުކުރެވިފަ
14. ފޭރުމުގެ މައްސަލަތައް 2023 ވަނަ އަހަރާއި ކޮމްޕެއަރ ކުރާއިރު 2025ވަނަ އަހަރުވަނީ 39 އިންސައްތަ މަދުކުރެވިފައި
15. ކައުންޓަރ ޑްރަގް އޮޕަރޭޝަންތައް 2023 ވަނަ އަހަރާއި ކޮމްޕެއަރ ކުރާއިރު 2025 ވަނަ އަހަރު ވަނީ 34 އިންސައްތަ އިތުރު ކުރެވިފައި
16. މުޅިން އަލަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ޑްރަގް ނެޓްވޯކުތަކާއި ދެކޮޅަށްވަނީ ތަފާތު 6 އޮޕަރޭޝަނެއް ހިންގިފައި
17. އީވިސާގެ ޚިދުމަތް ތައާރަފް ކުރެވި ރައްޔިތުން އިމިގްރޭޝަން އޮފީހަށްނުގޮސް ބިދޭސީންނަށް ވިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުނު
އިހުސާން ވިދާޅުވީ މިކަންކަން އައްޑޫގެ މޭޔަރަށް ނޭނގުމަކީ ސަރުކާރާއި އިދިކީލަ ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރި ކައުންސިލެއްނަމަ މިކަންކަން ހިންގާގޮތް ބަލާ އިތުރަށް ހަރުދަނާކުރަން ދޭންޖެހޭ ކަންކަން ދެނެގަނެ، ބޭނުންވާ އެހީތެރިކަންދެވި ރައްޔިތުންނަށް މިއަށްވުރެވެސް ފުރިހަމައަށް ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުރިހަމަ މަޢުލޫމާތު ކައުންސިލުން ރައްޔިތުންނަށް ދެވޭނެ ކަމަށާއި މިއީ އައްޑޫގެ ރައްޔިތުން މިފަހަރު ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެ ކައުންސިލަރުންނައި މޭޔަރެއް ހޮވަންޖެހޭކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.