ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ފާއިތުވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ހެދުނު ގޯސް ރަނގަޅު ކުރަން ލިބޭ ފުރުސަތެއް ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީގެ ޓިކެޓުގައި މެދުވަލު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝުއާއު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީގެ ކެންޑިޑޭޓުން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝުއާއު ވިދާޅުވީ ގައުމުގެ ހާލަތު ވަރަށް ގޯސް ކަމަށާއި މި ހާލަތަށް ގައުމުގެ ކަންކަން ދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގައި ބަޔަކު ހެދި ދޮގާއި ފިތުނަ އާއި އަދި ބެހި ފައިސާގެ އަވައިގައި ޖެހިގެން ދިން ވޯޓާއި އަދި ކަންކަން ބަދަލުވާނެ ކަމުގެ އުއްމީދުގައި މަޖިލިސް އިންތިހާބުގައި ދިން ވޯޓުގެ ނަތީޖާގެ ސަބަބުން ކަމަށެވެ.

"އިންސާނުންނަށް ވުމުން ގޯސް ހެދޭނެ. އެކަމަކު އެ ކަންކަން ހައްލުކޮށް، އެ ކަންކަމުން އަރައިގަތުމަށްޓަކާ މިއޮތީ އިތުރު ފުރުސަތެއް ލިބިފައި،" ޝުއާއު ވިދާޅުވި އެވެ.
ޝުއާއު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި މި ހާލަތު ބަދަލުކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ އިންތިހާބުގައި ވޯޓުލާން ލިބޭ ހައްގު ކަމަށެވެ. އެގޮތުން މި ހައްގު ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ވިސްނަންޖެހޭ ކަމަށާއި ނުފޫޒުގައި ޖެހިގެން ރައްޔިތުން ގޮތް ނިންމައިފި ނަމަ ބާކީ އޮތް ދެ އަހަރު ވެސް ތިބެން ޖެހޭނީ ކަންކަން ނުވާ ވާހަކަ ދެއްކުމުގައި ކަމަށްވެސް ޝުއާއު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންނަކީ ހައްގު ބަސް ބުނެ އަދި ރައްޔިތުންގެ ހައްގަށް ވަކާލާތު ކުރާނެ ޕާޓީ ކަމަށާއި އޭގެ ބަދަލުގައި ޕީއެންސީގެ ސިޔާސަތަކީ ވޯޓު ގަތުމުގެ ސިޔާސަތު ކަމަށްވެސް ޝުއާއު ވިދާޅުވި އެވެ.