Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫގައި މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް ދަށަށް

ހިތަދޫ ލިންކު ރޯޑު، ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގައި މިދިޔަ އަހަރު މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް ދަށަށް ގޮސްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން އައްޑުއަށް ފާއިތުވި ދެ އަހަރު ކުރި 17 ކަމެއް މިނިސްޓަރު އިހުސާން ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފަ އެވެ. އެގޮތުން 2023 ވަނަ އަހަރާއި އަޅާ ބަލާއިރު އައްޑޫގައި ގޭންގް/ގުރޫޕް ހަދައިގެން ހިންގި މާރާމާރީގެ އަދަދު 2025 ވަނަ އަހަރު ވަނީ 72 އިންސައްތަ މަދުކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ފޭރުމުގެ މައްސަލަތައް 2023 ވަނަ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު 39 އިންސައްތަ މަދުކުރެވިފައިވާއިރު، ކައުންޓާ ޑްރަގް އޮޕަރޭޝަންތައް 2023 ވަނަ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު 34 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި މުޅިން އަލަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ޑްރަގް ނެޓްވޯކުތަކާއި ދެކޮޅަށް ތަފާތު 6 އޮޕަރޭޝަނެއް ހިންގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ފާއިތުވި ދެ އަހަރު ހޯމް މިނިސްޓްރީން އައްޑުއަށް ހާއްސަކޮށްގެން ކުރި ކަންކަމަށް ބަލާއިރު، އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހުއްޓިފައިވަނިކޮށް ހިތަދޫގައި އެ ޚިދުމަތް އަލުން ފަށައި ފޭދޫގައި އަލަށް ޚިދުމަތް ފެށުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހިތަދޫ އަދި ފޭދޫގައި ފެށުމާއި،
އައްޑޫގައި އުޅޭ 2500 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގި ފިންގާ ޕްރިންޓް އަދި ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ކާކުކަން ކަށަވަރުވާނެ ގޮތަށް ނިޒާމު ޤާއިމުކުރުން ހިމެނެ އެވެ.

އަދި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގި 678 ބިދޭސީންނާއި ސުވާލުކުރެވި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 83 ފަރާތް ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެއިތުރުން މަރަދޫގައި ހަދަމުންދިޔަ ކަސްޓަމްސްގެ ރީޖަނަލް ހެޑް އޮފީހުގެ މަސައްކަތް އަވަސްކުރެވި އިމާރާތް ހުޅުވައި ސަރަހައްދުގެ ކަސްޓަމްސްގެ ޚިދުމަތްތައް އަވަސްކުރެވުނު ކަމަށާއި ފޭދޫގައި ހަދަމުންދިޔަ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާރޒްގެ މަސައްކަތް އަވަސްކުރެވި މި އަހަރު ޖޫން މަހު ހުޅުވުމާއި، ހިތަދޫގައި ހަދަމުންދާ އިމިގްރޭޝަންގެ އިމާރާތުގެ މަސައްކަތް އަވަސްކުރެވި މިއަހަރު އޮކްޓޯބަރ މަހުގެ ކުރިން ހުޅުވުމުގެ އިތުރުން ހިތަދޫގައި އަލަށް ޤާއިމު ކުރަން ފެށުނު ފުލުހުންގެ އިމާރަަތް މިއަހަރު ނިންމައި ޚިދުމަތްދޭން ފެށޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.