މިދިޔަ އަހަރުގެ ބޮޑު ހިޓެއް ކަމަށްވާ 'ސައްޔާރާ' ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމުގެ ބަތަލަކީ ރަންބީރް ކަޕޫރް ކަމަށް ބުނާ ވާހަކަ އޭނަ ދޮގުކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި މޯހިތު ބުނީ އޭނަ ދެން ހަދާ ފިލްމުގެ ބަތަލަކީ ރަންބީރް ނޫން ކަމަށެވެ. އެކަމަކު އޭނަ އަށް ފިލްމު އޮފާކުރި ކަމަށް ބުންޏެވެ.
'އަހަރެން ދިޔައިން އޭނަ ގާތަށް އެކީގައި މަސައްކަތްކޮށްލަން ބޭނުންވެގެން. އެކަމަކު އަހަރެން ހަދާ ފިލްމުގެ ބަތަލަކީ ރަންބީރެއް ނޫން.' މޯހިތު ބުންޏެވެ.
އޭނަ ބުނީ ރަންބީރާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތެއް ފަހިވާނެ އިރަކަށް އިންތިޒާރު ވެސް ކުރާ ކަމަށެވެ. އަދި ރަންބީރް ވެސް އޭނައާ އެކީގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް މޯހިތު ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނަ ދެން ހަދަން ނިންމާފައިވާ ފިލްމަކީ ގޭންސްޓާ ލަވްސްޓޯރީއެކެވެ. އަދި މި ފިލްމު ވެސް ޕްރޮޑިއުސްކުރަން ހަމަޖެހިފައި ވަނީ 'ސައްޔާރާ' އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ. އެ ފިލްމު ކުޅުނީ އާ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.
މޯހިތުގެ އާ ފިލްމުގެ ބަތަލަކީ ރަންބީރް ކަމަށް މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ރިޕޯޓް ކުރުމުގެ ކުރިން އާ ފިލްމުގެ ލީޑް ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރް ކަމަށް ވެސް ކުރިން އަޑުއަރާފައިވެ އެވެ. އެ ދެ ތަރިންނަކީ މޯހިތުގެ 2013 ގެ 'އާޝިގީ 2' ގެ ތަރިންނެވެ.
ރަންބީރްގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ 'ރާމާޔަން' އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' އެވެ.