ތެލުގެ އަގު ބޮޑުވެ، އައިސް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެނ އެންސިސް ފިޝަރީޒް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެ ކުންފުނިން އައިސް އުފެއްދުމަށާއި ފޯރުކޮށް ދިނުމަށް ހިނގާ ހަރަދު ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށްވެފައިވާ ކަމަށެވެ. އަދި ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ އެކު މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެންސިސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މަހުގެ 1 އިން ފެށިގެން 16 އާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ ޖުމްލަ 111 ޕަސެންޓް ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. އެންސިސް އިން ބުނި ގޮތުގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށެވެ.އަދި ތެލުގެ އަގު މިހާ ބޮޑަށް އުފުލުމުން ވިޔަފާރި ކުރިއަށް ގެންދަން ޖެހެނީ ބޮޑު ގެއްލުމެއްގައި ކަމަށް ބުންޏެވެ.
އެހެންވެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ބޮޑުކަންނެލީގެ މަސްވެރިންނަށް މީގެ ކުރިން ހިލޭ ފޯރުކޮށް ދެމުން އައި، އައިސް މި ވަގުތަށްން ދޫކުރުން ހުއްޓާލަން މަޖުބޫރުވީ ކަމަށް އެންސިސް އިން ބުންޏެވެ. އަދި ނިންމުމަކީ، އައިސް އުފެއްދުމުގެ އޮޕަރޭޝަނަލް ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މި ވަގުތަށް ކޮންމެހެން އަޅަން ޖެހުނު މުހިންމު ފިޔަވަޅެއް ކަމަޑް ބުންޏެވެ.
"މި ނިންމުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެން،" އެންސިސް
އެ ކުންފުނިން ބުނީ، ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި، ހިދުމަތް އަލުން ފޯރުކޮށް ދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.