Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

އިންތިހާބުތަކުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ

އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒު ހިންގަމުން އައި އިމާރާތުގެ ކައިރީގައި ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން އަންނަ މަހު އޮންނަ އިންތިހާބުތަކުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ދެއްވައިފި އެވެ.

އޭނަ ރޭ މީޑިއާތަކަށް ވިދާޅުވީ، އަލިފާން ރޯވީ އެ ކޮމިޝަނުގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރާ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށް ވިޔަސް، އެ ހާދިސާގައި އީސީގެ މަރުކަޒުގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި
އިންތިހާބަށް ބޭނުންވާ ލިޔެކިއުންތައް ވެސް ސަލާމަތްވި ކަމަށާއި އެ އިމާރާތުން މިހާރު އިންތިހާބީ މަރުކަޒުގެ މަސައްކަތްތައް ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބީ ކަންކަމާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ހުރިހާ ސާމާނެއް މިހާރު އިރާދަކުރެއްވިއްޔާ އެ ހުރީ ބޭރަށް ނެރެފައި. އެހެންވީމާ އިންތިހާބީ ކަންކަމަށް އެއްވެސް ބުރަލެއް ނާރާ، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އިންތިހާބު [އަންނަ މަހުގެ] 4 ވަނަ ދުވަހު އަޅުގަނޑުމެން ގެންދާނަން،" ޒާހިދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އިންތިހާބީ މަރުކަޒުގައި އަލުން މަސައްކަތްތައް ފެށުމުގެ ހުއްދަ ލިބެންދެން، އީސީގެ ހުރިހާ މަސައްކަތްތައް ދެން ކުރާނީ ސޯޝަލް ސެންޓަރުގަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއިކުރުން ރޭ މެދުކަނޑާލި ނަމަވެސް އެކަން މިއަދު އަލުން ސޯޝަލް ސެންޓަރުގައި ކުރިއަށް ދާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.

"މި އަލިފާނާ ގުޅިގެން އަޅުގަނޑުމެން އިންތިހާބު ބޭއްވުމަށް ކުރަމުންދާ އެއްވެސް މަސައްކަތަކަށް އެއްވެސް ބުރުލެއް ނާރާ ކުރިއަށް ގެންދާނަން،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ހުރިހާ ލިޔެކިއުންތަކަކާއި ހުރިހާ ޑޭޓާބޭސްއެއް އަދި ހުރިހާ ސާމާނުތަކެއް ވެސް އެބަހުރި."

އަންނަ މަހުގެ 4 ގައި ތިން ވޯޓެއް ނަގަން ހަމަޖެހިފައިވެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓި އަށް މެންބަރުން ހޮވުމުގެ އިތުރުން ރިޔާސީ އިންތިހާބާއު މަޖިލިސް އިންތިހާބުގައި އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.