ޒުވާން އެކްޓަރު ޓޮމް ހޮލަންޑާ އެކު ގެނެސްދެމުން އަންނަ 'ސްޕައިޑަ-މޭން' ފިލްމު ސީރީޒްގެ އާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޑެސްޓިން ޑެނިއަލް ކްރެޓެން ޑައިރެކްޓްކޮށްފައިވާ 'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ' ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތީ ޖުލައި 31 ގަ އެވެ. މީގެ ކާސްޓްގައި ޓޮމްގެ ބައިވެރިޔާ ޒެންޑާޔާގެ އިތުރުން ސެޑީ ސިންކް، މާކް ރަފަލޯ، ޖެކޮބް ބެޓަލޮން މައިކަލް މާންޑޯ، ޖޮނަތަން ބާންތަލް ފަދަ ތަރިން ހިމެނެ އެވެ.
'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ' އަކީ ޓޮމް، 29، އާ އެކު ގެނެސްދޭ ސްޕައިޑަ-މޭންގެ ހަތަރު ވަނަ ފިލްމެެވެ. އޭނަ އެންމެ ފުރަތަމަ ސުޕަހީރޯ ކެރެކްޓާ ކުޅުނީ 2017 ގެ 'ސްޕައިޑަ-މޭން: ހޯމްކަމިން' ގަ އެވެ. އޭގެ ފަހުން ދެން ގެނެސްދިން ފިލްމުތަކަކީ 2019 ގެ 'ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް' އަދި 2021 ގެ 'ސްޕައިޑަ-މޭން: ނޯ ވޭ ހޯމް' އެވެ.
މި ތިން ފިލްމުގެ ތެރެއިން ދެވަނަ ބަޔާއި ތިން ވަނަ ބަޔަކީ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހުރަސްކުރި ދެ ފިލްމެވެ. އެގޮތުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި 'ސްޕައިޑަ-މޭން: ނޯ ވޭ ހޯމް' އަކީ 1.192 ބިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ. އަދި 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން 'ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް' އަށް 1.133 ބިލިއަން ޑޮލަރު ލިބުނެވެ.
ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ ގެ ކުރިން ޓޮމްގެ ވަރުގަދަ އެހެން ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޑައިރެކްޓަރ ކްރިސްޓޮފާ ނޯލަން ޖުލައި 17 ގައި ގެނެސްދޭ ފެންޓަސީ އެކްޝަން ފިލްމު 'ދި އޮޑިސީ' އެވެ.