Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

އޮސްޓްރޭލިއާ އެކު ވައިގެ ދަތުރާ ގުޅޭ އެއްބަސްވުމެއް

މިއަދުން ފެށިގެން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިކަމާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވާކަން މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސް އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފް އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އަމީން ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެކަން ފާހަގަކުރެއްވި ވެ. މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.