ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކަކަށް، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ، އަވަށްޓެރި ސްރީ ލަންކާ އަދި ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެއީ މިއަދުން ފެށިގެން މި މަހުގެ 24 އާ ހަމައަށެވެ.
އޭނަގެ ދަތުރާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާ ބުނީ މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި އިގްތިސާދީ ތަރައްގީ އަދި އިންފްރާސްޓްރަކްޗާގެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ،
މި ދަތުރަކީ ކަނޑުގެ މުހިންމު މަގުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، މި ސަރަހައްދުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ އެކު، ކަނޑުގެ މުހިންމު މަގުތަކާއި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.